ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އައިއޯއައިޖީ ރާއްޖޭގައި ބޭއްވިއްޖެނަމަ މިއީ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވެގެންދާނެ: ޝާހިދު

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވިއްޖެނަމަ، މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމަށް ސީޝެލްސްއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މި މުބާރާތަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތް ކަމަށާއި، ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލްވެސް ލިބުނީ އެ މުބާރާތުގައި ކަމަށެވެ.

އަދި ރާއްޖެއަކީ ފާއިތުވި ދިހަ އަހަރުވެސް މެދުނުކެނޑި އެ މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އެފަދަ މުބާރާތެއްގައި ބައިވެރިވުމަށް ސަރުކާރުން އިސްކަންދެނީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ އިންފްރާސްޓްރަކްޗާއާއި، ވަސީލަތްތައް ތަރައްގީވެގެންދާނެތީ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް އެތައް ޒަމާނެއް ވަންދެން އޭގެ ފައިދާ ކުރަމުންދާނެ ކަމަކަށްވާތީ ކަމަށެވެ.

އަދި މިނިސްޓަރު މަހުލޫފުގެ ހިންގުންތެރިކަމުގެ ދަށުން ކުރަމުންދާ އެމަސައްކަތަށް ފޮރިން މިނިސްޓްރީން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއީދު ހޯދުމަށް މީގެކުރިން ސަރުކާރުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

އަދި ރައީސް ސޯލިހު ރާއްޖޭގެ ކުޅިވަރަށް ދެއްވާ އިސްކަން މިކަމުންވެސް ހާމަވާ ކަމަށް މަހަުލޫފު ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސްގެ އިތުރުން އެހެން ގައުމުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ސީޝެލްސަށް ކުރައްވާ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައެވެ.