ރައީސް އޮފީސް

އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ތާއީދު ހޯދުމަށް ޝާހިދާއި މަހުލޫފު ސީޝެލްސަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ރާއްޖެއިން ކުރާ ބިޑަށް ތާއިދު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ސީޝެލްސްއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރ އާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިދަތުރުފުޅުގައި ސީޝެލްސް ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ސީޝެލްސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.