ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ޓްރީޓޮޕްގައި ހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކުރި މީހާގެ ހާލު ނައިބު ރައީސް ބައްލަވައިލައްވައިފި

ސަރުކާރުން ކުރިއަށްގެންދާ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން، މަޝްރޫއުގެ ދަށުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ހުޅު ބަދަލުކުރި ބަލިމީހާގެ ހާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ބައްލަވައިލައްވައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރި މި ކާމިޔާބު އޮޕަރޭޝަންގައި ހުޅު ބަދަލުކުރި ބަލިމީގެ ހާލުބައްލަވައިލެއްވުމަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި ބަލިމީހާއަށް ހެޔޮ ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ބުނީ، ”ޓޯޓަލް ނީ ރިޕްލޭސްމަންޓް ސަރޖަރީ“ (ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން) މަޝްރޫއަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތް އަވަސްކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން، އާސަންދަ އާއި އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލާއި އަދި ޓްރީޓޮޕް ހޮސްޕިޓަލާއެކު ކޮންޓްރެކްޓް އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 ޖޫން 2019 ގައެވެ. އަދި މެޑިކާ ހޮސްޕިޓަލާއި އާސަންދަ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ޖޫން 2019 ގައެވެ.

ސިއްހީ ދާއިރާއިން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް މިއަދު މި ފެށި އާ މަޝްރޫއުގެ ދަށުން މެޑިކާ ހޮސްޕިޓަލުންވެސް ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް މިހާރު ލިބޭނެކަމަށް ރައީސް އޮފީހުން މައުލުމާތު ދެއެވެ.