ޚަބަރު

ރަހީނު ކުރިކަމަށް ބުނެ، ކުރީ ސަރުކާރުގެ އިސް ފަރާތްތަކަކަށް ދައުވާކޮށްދިނުމަށް ޝުމްބާ ހުށަހަޅައިފި

ސްރީލަންކާގައި އުޅެނިކޮށް، އެ ގައުމުގެ ގާނޫނުތަކާ ހިލާފަށް "ރަހީނުކޮށްގެން" ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އޭނާ މާލެ ގެނައި ކަމަށްބުނާ މައްސަަލައެއްގައި، އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ.

ޝުމްބާ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއަކުންނެވެ.

އެ ސިޓީގައި އޭނާ ބުނެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު، ލަންކާ އިން އޭނާ ހައްޔަރުކޮށްފައިވަނީ، ސައްހަ ވިސާއެއްގައި އެގައުމުގެ ބޮލަރެސްގަމުވާގެ ގެއެއްގައި ހުއްޓައި ކަމަށެވެ.

އަދި އޭނާ ހައްޔަރުކުރީ، ހަތިޔާރާއެކު ކޮން ބައެއްކަންވެސް ނޭނގޭ ބަޔަކާއެކު ދިވެހި ފުލުހުން އެގެއަށް ވަދެގެން ކަމަށްވާތީ އޭނާ ރަހީނު ކުރި މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށް އެސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ބަޑި ޖައްސައިގެން އޭނާ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ގެންދިއުމަށްފަހު، މާލެ ގެނައުމުގައި ޝާމިލުވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދޭ ކަމަށެވެ.

އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ގޮތުގައި، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ފޮރިން މިނިސްޓަރ ދުންޔާ މައުމޫނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި، އޭރު ލަންކާގެ އެމްބެސެޑަރަކަށް ހުންނެވި ޒާހިޔާ ޒަރީރުގެ އިތުރުން ފަސްޓް ސެކެޓްރީ ހަސަން އާދަމާއި، އެމްއެންޑީއެފްގެ ކާނަލް އަހުމަދު ގިޔާސްގެ މައްޗަށް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ވަނީ އެދިފައެވެ.

އޭރު ޝުމްބާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެންނެވެ. މާލެ ގެނައުމަށްފަހު، 14 މަސް ބަންދުގައި ބެހެއްޓުމަށް ފަހު 2017 ވަނަ އަހަރު ޝުމްބާ ގޭ ބަންދަށް ބަދަލުކުރިއެވެ. އޭނާ މިނިވަންވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018ގެ ޑިސެމްބަރު މަހުގައެވެ.