"ފީޓަލް ހަރޓް މޯލްޑިވްސް 2019" ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގެ އޯކިޑް ހޯލުގައި ކުރިއަށްދިޔަ މި ވޯކްޝޮޕަކީ ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ޓައިނީ ހާޓް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި އެކި ޑޮކްޓަރުން ވަނީ ހިތުގެ އެކި ބަލިތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފައެވެ. އެގޮތުން ރާއްޖޭގެ ފުންނާބު އުސް އެކި ޑޮކްޓަރުންގެ އިތުރުން ބޭރުގެ އެކި ޑޮކްޓަރުން މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ކުރަނީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި މަސައްކަތަކީ ސްކޫލްތަކުން ފެށިގެން އާންމު ފަރުދުންނާއި އެންމެންވެސް ބައިވެރިވާންޖެހޭ މަސައްކަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކުގައި ސިއްހީ ނިޒާމް ވަނީ ވަރަށް ބޮޑަށް ދުރަށް ޖައްސާލެވިފައި ކަމަށާއި، މިކަން ރަނގަޅު ކުރުމަކީ އެކަމަކަށް ސަރުކާރުން އިސްކަމެއްދީގެން ކުރާނެ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނައުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ރަށްތަކުގައި ހިތްހަމަޖެހިގެން އުޅެވޭނެ ދުވަހެއް އަވަސް މުސްތަގުބަލެއްގައި ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށާއި މި ވައުދު ފުއްދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ނައިބު ރައީސް ވިދަޅުވިއެވެ.
މި ވޯކްޝޮޕް އިންތިޒާމް ކުރި ޓައިނީ ހާޓް މޯލްޑިވްސްއަކީ 2009 ވަނަ އަހަރު އުފައްދާފައިވާ ހިތުގެ ބަލިތަކާ ގުޅޭގޮތުން ދިވެހިންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ އެންޖީއޯ އެކެވެ.