ކަރުދާހާ ދުރަށް ދިއުމަށް އެމްޓީސީސީން ކުރާ މަސައްކަތް ފެށުމުގެ ގޮތުން ވިލިމާލެ ފެރީ ޓާމިނަލްގައި ވަކި ދުވަސްތަކެއްގައި ކަރުދާސް ޓިކެޓު ބޭނުން ނުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ކޮންމެ ހަފްތާއަކުވެސް އާދިއްތައިން ބުރާސްފަތި ދުވަހުގެ ވަކި ގަޑިތަކެއްގައި ކަރުދާސް ޓިކެޓުގެ ބަދަލުގައި ދޫކުރާނީ އިލެކްޓްރޯނިކް ސިންގަލް ޖާނީ ޓޯކަންއެކެވެ. ޓޯކަން ލެއްވުމަށް ހާއްސަ ކުރެވިފައިވާ ސްލޮޓެއް ގޭޓުގައި ހުންނާނެކަމަށާއި އެ ސްލޮޓަށް ޓޯކަން ލުމުން ގޭޓް ހުޅުވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުން އަހުމަދު ސަލާމް ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ސިންގަލް ޖާނީ ޓޯކަން ބޭނުން ކުރަން ފަށާފައިވަނީ 3 ހަފުތާގެ މުއްދަތަކަށެވެ. އަދި މި މުއްދަތަށްފަހު ލިބޭ ނަތީޖާގެ އަލީގައި ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަވާ ކަންކަން ރަނގަޅު ކުރުމަށް ފަހު ފައިނަލް ލޯންޗް ކުރާނެކަމަށް ސަލާމް ވިދާޅުވިއެވެ.
ކަރުދާސް ޓިކެޓުގެ ބަދަލުގައި އިލެކްޓްރޯނިކް ސިންގަލް ޖާނީ ޓޯކަން ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށެވެ. އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.
މި ހިދުމަތަކީ މުޅީން އަލަށް ފަށާ ހިދުމަތަކަށް ވުމުގެ އިތުރުން އިލެކްޓްރޯނިކް ސިންގަލް ޖާނީ ޓޯކަން އަކީ އަޖުމަބެލުމުގެ ގޮތުން ކުރާ ކަމަކަށް ވާތީ މިކަމާ ގުޅިގެން ވިލިމާލެ ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްޓީސީސީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.