ޚަބަރު

ނުހައްގުން މީހުން މުއްސަނދިވެފައިވާ ގޮތް ބަލަންޖެހޭ: އިބްރާހީމް ދީދީ

ރާއްޖޭގެ ބައެއް ރައްޔިތުން ނުހައްގު ގޮތުގައި މުއްސަނދިވެފައިވާ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރ އިބްރާހީމް ދީދީ ގޮވާލައްވައިފިއެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ އޮޑިޓް ކުރަންވީ ހަމައެކަނި ދައުލަތުގެ އިދާރާތައް އެކަނި ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ނުހައްގުން މުއްސަނދިވާ މީހުންގެ މައްސަލަތައް ވެސް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމް ދީދީ ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެކަން ބެލުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ބަލަން ޖެހޭނީ ވަކި ބައެއްގެ މައްސަލަތައް އެކަނި ނޫން ކަމަށެވެ.

އަދި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް މީގެކުރިން ދެއްކި މީހުން، މިއަދު އެކަންކަން ބެލުމަށް އިބްރާހީމް ދީދީ ގޮވާލެއްވިއެވެ. އޮޑިޓް އޮފީހުން ބަލަންޖެހޭ މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެން، މެންބަރުން މުސާރަ ނަންގަވާ މައްސަލަވެސް ހިމެނޭ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.