މުހައްމަދު އައުޒަމް
"އަވައްޓެރި ރެސް"ގެ މަގްސަދަކީ ހުރިހާ އަވައްޓެރިން އެއްބަޔަކު އަނެއްބަޔަކު ދަންނަބަޔަކަށް ހެދުންކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން އިންތިޒާމްކޮށްގެން ބާއްވާ "އަވައްޓެރި ރެސް"ގެ ފުރަތަމަ ޕްރޮގްރާމް ގައި ބައިވެރިވެވަޑައިގަތުމަށްފަހު މިނިސްޓަރ މަހްލޫފް ވިދާޅުވީ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އަވައްޓެރިން އެއްބަޔަކު އަނެއްބަޔަކު ދަންނަބަޔަކަށް ހެދުންކަމަށާއި ދުރުގައި ތިއްބަސް އެންމެން އެއްކޮށް އެކުވެރި މަޖާ މާހައުލެއްގައި އުޅުމަށް މަގުފަހިކުރުން ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ "އަވައްޓެރި ރެސް" އޮންނަ ސަރަހައްދެއްގެ ހުރިހާ ބޭފުޅުން ބައިވެރިވުމަކީ ވަރަށް އެދޭކަމެއްކަމަށެވެ. ހާއްސަކޮށް ގޭގޭގައި ދިރިއުޅޭ އިސްރައްވެހިންނާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުންވެސް ބައިވެރިވުން އެދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ހަވީރު ހުޅުމާލެ ޗައިނާ ފްލެޓް 109 110 އަދި 111 ނަމްބަރު ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވި "އަވައްޓެރި ރެސް"ގެ ހަރަކާތްތަކުގައި މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަކުމް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ކޮމިއުނިޓީ އެމްޕަވަރމަންޓް ކޮންސަލްޓަންޓް ފާތިމަތު ޝެހެޒިނީ ވިދާޅުވީ "އަވައްޓެރި ރެސް"ގެ ޕްރޮގްރާމްތަށް ބޭއްވުމަށް މިނިސްޓްރީއިން ފުރަތަމަ ނިންމާފައިއޮތީ ހުޅުމާލޭގައި ބޭއްވުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ކަމުގައެވެ. ނަމަވެސް މިއަދު ލިބިގެން ދިޔަ ތަރުހީބު ބޮޑުވުމުން އެޗްޑީސީގެ އެދުމުގެ މަތިން ކޮންމެ ހަފްތާއަކުވެސް ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ޝެހެޒިނީ އިތުރަށް ވިދާޅުވީ ކުރިން ރޭވިފައިވާ ގޮތަށް ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް "އަވައްޓެރި ރެސް" ބާއްވާނެކަމަށެވެ.
"އަވައްޓެރި ރެސް" ޕްރޮގްރާމް ބޭއްވުމުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއާއި ގުޅިގެން ޕާޓްނަރުންގެ ގޮތުގައި ބައެއްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިއަދުގެ ޕްރޮގްރާމްގައި އެޗްޑީސީގެ އިތުރުން ފުލުހުންނާއި ދިވެހި ރެޑްކްރަސަންޓް އަދި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް އިން ބައިވެރިވެފައިވެއެވެ.
"އަވައްޓެރި ރެސް" ޕްރޮގްރާމްގައި މިއަދު ހަވީރު ހުޅުމާލެ ޗައިނާ ފްލެޓް 109 110 އަދި 111 ނަމްބަރު ފްލެޓް ހިމެނޭ ސަރަހައްދުގެ ގިނަބަޔަކު ބައިވެރިވެފައިވެއެވެ. މިއަދުގެ ބައިވެރިންނަށް ވަނީ އެމްއެންޑީއެފް އަދި ފުލުހުންގެ ހާއްސަ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްދީފައެވެ. އަދި ހުރިހާ ބައިވެރިން އެކުވެރި މާހައުލެއްގައި ކުޅިވަރުގެ ބައެއް ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ. މީގެއިތުރުން ކުޑަކުދިންނަށް ވެސް ބައެއް ހަރަކާތްތައް ވަނީ ބާއްވާފައެވެ.