ޚަބަރު

2.5 މިލިއަނަށްވުރެ ދަށުގެ މަސައްކަތްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށްދޭން އަންގައިފި

2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މަސައްކަތްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކަށް ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރުގެ އޮފީސްތަކަށް ފޮނުވާފައިވާ ލިއުމެއްގައި ބުނެފައިވަނީ، ދައުލަތުގެ މާލީއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ތަކެތި ގަތުމާއި މަސައްކަތް ކުރުވުމާއި ހިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެސްއެމްއީ) ގިންތީގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕްރޮކިއުމެންޓް ކަންތައް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުނަވް ސަރުކާރުން ދަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން އެ ފަދަ ވިޔަފާރިތައް ކުރިއަރުވަން ލޯން ސްކީމެއްް ތައާރަފް ކޮށް އަންނަނީ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

އިކޮނޮމިކް މިނިސްޓްރީ ބުނެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ އެސްއެމްއީ ކެޓަގަރީގެ ހިމެނޭ ވިޔަފާރި ތައް ކަމަށެވެ.

އެއީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކެވެ.

އެންމެ ކުދި ވިޔަފާރިތަކަކީ، ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ހަޔަކަށް ވުރެ މަދު ވިޔަފާރި ތަކެވެ. މިބައިގައި ހިމެނޭ ވިޔަފާރިއެއްނަމަ އަހަރަކު ލިބޭ އާމްދަނީ 500،000 ރުފިޔާ އަށް ވުރެ އިތުރެއް ނުވާނެ އެވެ. ކުދި ފަންތީގެ ވިޔަފާރިތަކަކީ، މުވައްޒަފުންގެ އަދަދު ހަޔަކާއި 30 އާއި ދެމެދުގެ ވިޔަފާރިތަކެވެ. ކުދި ފަންތީގެ ވިޔަފާރިއެއްނަމަ އަހަރު ލިބޭ ޖުމްލަ އާމްދަނީ ހުންނަން ޖެހޭނީ 500،001ރ. އާއި 5،000،000ރ. ދެމެދުގަ އެވެ. އަދި މެދުފަންތީގެ ވިޔަފާރިއަކީ، މުވައްޒަފުންގެ އަދަދު 31 އާއި 100 އާ ދެމެދުގެ ވިޔަފާރި ތަކަށެވެ. މި ބައިގައި ހިމެނޭ ވިޔަފާރިތަކުގެ ޖުމްލަ އާމްދަނީއަކީ ފަސް މިލިއަން ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ.