ފުލުހުންގެ ޔުނީފޯމް އެޅުމަކީ، ގާނޫނާ ހިލާފަށް އަމަލުކުރަން ލިބޭ ފުރުސަތެއްނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ، ފުލުހުންތަކެއް މީހަކަށް އަނިޔާކުރަނިކޮށް އާއްމު ވެފައިވާ ވީޑިއޯއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މަހުލޫފު ވިދާޅުވީ، ފުލުސް ޔުނީފޯމަކީ، އަނިޔާކުރަން ލިބޭ ލައިސަންސެއްނޫން ކަމަށެވެ.
"އެ ތަޖުރިބާ އަޅުގަނޑުމެން ކޮށްފިން، މަދު ފުލުހުންގެ އަމަލު ތަކުން އިތުބާރު ގެއްލެނީ މުޅި މުއައްސަސާގެ،" މަހުލޫފު ވިދާޅުވެފައިވެއެވެ.
މަހުލޫފު ވަނީ ފުލުހުންގެ އިތުބާރު ގާއިމް ކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި ސާބަސް ރައްދު ކުރއްވައިފައެވެ.
ފުލުހުންގެ ތެރެއިން ބަޔަކު ހިންގި އެ އަމަލާ ގުޅިގެން، އޮޕަރޭޝަނުގައި ބައިވެރިވި ފުލުހުންނާއި ކޮމިޝަނަރު މިއަދު ބައްދަލުކުރެއްވުމަށްފަހު، ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެމައްސަލައިގައި އެތެރޭގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެފަދަ ލާއިންސާނީ އަމަލުތައް ޓޮލެރޭޓް ނުކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލައިގެ ތަހުގީގެއް ހިންގަމުން ދާ ކަމަށާއި އެ ތަހުގީގަށް ފުލުހުންގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.