ޚަބަރު

އަނިޔާކުރަނިކޮށް ފެންނަ ވީޑިއޯއާބެހޭގޮތުން ހިއުމަންރައިޓްސް ކޮމިޓީގައި މަޝްވަރާ ކުރަނީ

އިބްރާހިމް ޒަކީ

ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކުރަން، ރޭ ވަތް ފުލުހުންގެ ބަޔަކު، މީހެއްގެ ގައިގައި ތަޅައި އަނިޔާކުރަނިކޮށް، ފެންނަ ވީޑިއޯ އާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ބަހުސްކުރަން ނިންމައިފިއެވެ.

މި މައްސަލައާބެހޭގޮތުން ބަހުސްކުރުމަށް އެޖެންޑާކޮށްފައި ވަނީ މާދަމާ ހަވީރު 5:00 ގައި ބާއްވަން ހަމަޖެހިފައިވާ އެ ކޮމިޓީގެ ބައްދަލު ވުމަށެވެ.

ފުލުހުންތަކެއް ވެގެން މީހަކަށް އަނިޔާކުރާ އެ ވީޑިއޯ ވަނީ ރެއިން ފެށިގެން މީސް މީޑިއާގައި ދައުރުވާން ފަށައިފައެވެ.

އެ ހާދިސާ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު، އެކަމުގައި ހިމެނޭ މީހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަދި އެ މައްސަލަ ފުލުހުންނާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިހުމަންރައިޓްސް ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

އެ ވީޑިއޯއިން މީހަކަށް އަނިޔާކުރަނިކޮށް ފެންނަ ފުލުހުންކަމަށްބުނެ، ފުލުހުންތަކެއްގެ ފޮޓޯ ތަކަކާއި، އެ ހާދިސާގައި އަނިޔާވި މީހާގެ ފޮޓޯތައް ކަމަށްބުނާ، މީހަކަށް އަނިޔާވެފައިވާ ފޮޓޯތަކެއްވެސް މީސް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނެފައިވަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ ފޮޓޯތައް އާއްމު ކުރުމާ ގުޅިގެން ފުލުހުންނަށްވެސް އިންޒާރުތައް އަންނަމުންދާ ކަމަށެވެ.