ޚަބަރު

ވިއްސާރައާ ގުޅިގެން މާލޭގެ ބައެއް ސްކޫލުތަކުގެ ކްލާސްތައް ކެންސަލް

އަހުމަދު ޖައިޝަން

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ބައެއް ސްކޫލުތަކުގައި މިއަދު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައެއް ކްލާސްތައް ކެންސަލްކޮށްލައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ވިއްސާރައާ ގުޅިގެން އާންމުކޮށް ކިޔަވައިދޭ ގަޑިތަކަށް ބަދަލު ގެނެސް ބައެއް ކްލާސްތައް ކެންސަލްކޮށްފައިވާ ސްކޫލު ތަކުގެ ތެރޭގައި ޣިޔާސުއްދީން އިންޓަނޭޝަން ސްކޫލް އާއި ޖަމާލުއްދީން ސްކޫލު އަދި އިމާދުއްދީން ސްކޫލު ހިމެނެ އެވެ.

ޖަމާލުއްދީން ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ކްލާސްތަކުގެ ކިޔަވައިދޭ ވަގުތުތައް ވަނީ ކުރުކޮށްފައެވެ. އަދި ސެކަންޑްރީ ބައެއް ގްރޭޑްތަކުގެ އެކްސްޓްރާ ކްލާސްތައް މިއަދު ވަނީ ކެންސަލްކޮށްފައި ކަމަށާއި އެ ކްލާސްތައް ފަހުން ނަގައިދޭނެ އެވެ.

އިމާދުއްދީން ސްކޫލުން ވެސް ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން އިތުރު ބައެއް ގަޑިތައް ކެންސަލްކޮށްފައިވާ ކަމަަށެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން "ވަން އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި މިއަދުގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ. އަދި އޯލެވެލް އިމްތިހާނު ނޫން މިއަދަށް ޝެޑިއުލްކޮށްފައިވާ އެހެން ހުރިހާ ޓެސްޓްތަކާއި އެކްސްޓްރާ ކްލާސްތައް ވަނީ ކެންސަލްކޮށްފައި ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ ކިޔެވުން ބަންދުކުރުމަށް އެއްވެސް ސްކޫލަކަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އަންގާ ނަމަ އެކަން، އިއުލާން މެދުވެރިކޮށް ސްކޫލުތަކަށް އަންގާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.