ޚަބަރު

ގެސްޓުން ގޮވައިގެންދިޔަ ލޯންޗެއްގައި ރޯވެއްޖެ

އިބްރާހިމް ޒަކީ

ގެސްޓުން ގޮވައިގެންދިޔަ ލޯންޗެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ، ސިނަމާލެ ބުރިޖާ ދިމާލުން ދުއްވާފައިދިޔަ އެ ލޯންޗްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލުމާތު ލިބުނީ މިއަދު ހެނދުނު 10:36 ހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު ލޯންޗްގައި ރޯވި އަލިފާންގަނޑު ނިންވާލާފައިވާ ކަމަށެވެ. އަދި ލޯންޗްގައިތިބި ގެސްޓުން އެހެން ލޯންޗަކަށްވެސް ވަނީ ނަގައިފައެވެ.

ފުލުހުން ބުނީ މިހާދިސާގައި ރޯވި ލޯންޗް، ފުލުހުންގެ އެހީތެރިކަމާއެކު ތިންނަމްބަރު ފާލަމަށް މިހާރު ވަނީ ކައިރިކޮށްފައެވެ.

މި ލޯންޗް ގައި ރޯވީ އޭގެ ހަތަރު އިންޖީނުގެ ތެރެއިން އެއްއިންޖީނު ތާށީވެގެންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.