ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުން ހޮނިހިރު ދުވަހުން ފެށިގެން އެމްއާރްއައިގެ ހިދުމަތް ދޭން ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރްއައި ސްކޭންގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް އެ ހޮސްޕިޓަލް ހިންގާ އަސަންދަ ކުންފުނިން ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރްއައި ސްކޭން ހެދުމަށް ތައްޔާރުކޮށްފައިވާ ސްކޭން ރޫމް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، މިއަދު ވަނީ ބައްލަވައިލައްވައިފައެވެ. އޭގެ އިތުރުން މީޑިއާތަކަށް ވެސް މިއަދު އެތަން ދައްކާލާފައިވެއެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރްއައި ސްކޭންގެ ހިދުމަތް ލިބޭނެ ގޮތް ތަނަވަސްވެގެން ދިއުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށާއި މާލެ ނުގޮސް ހުޅުމާލެއިން އެމްއާރްއައިގެ ހިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ލިބިގެންދިއުމުން މިހާރު އައިޖީއެމްއެޗްގައި އޮތް ދިގު ކިއޫއަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ. މިއީ ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ އެއްބައި. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް އެކްސްޓެންޑް ކުރުމުގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހޮނިހިރު ދުވަހުގެ ހަވީރު 4:00ގައި ފުރަތަމަ ޓެސްޓް އެމްއާރްއައިގެ ހިދުމަތް ކުރިއަށްދާނެއެވެ.