ޚަބަރު

ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރި ފުލުހުންތަކެއް ސަސްޕެންޑްކުރަން ނިންމައިފި

މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރި ފުލުހުންތަކެއް ސަސްޕެންޑްކުރަން ނިންމައިފިއެވެ.

މިރޭ މާފަންނު ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީހަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފުލުހުންތަކެއް މީހަކަށް އަނިޔާވެރި ގޮތަކަށް އެމީހާގެ ހަށިގަނޑަށް އަނިޔާކުރާ މަންޒަރު ދައްކުވައިދެއެވެ. އެމީހާއަށް އަނިޔާކުރުމަށް ޔުނީފޯމު ނާޅާ ތިބި ހަތަރު ފުލުހަކު ބައިވެރިވެފައިވާކަން ވީޑިއޯ އިން ފެނިގެންދެއެވެ.

އެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ މާފަންނުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލާފައިވާ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ވަގުތުން އެ އޮފިސަރުން ސަސްޕެންޑްކޮށް، އެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް މަރިޔަމް އަޒުރާއަށް ދަންނަވާފައިވާނެ ކަމަށާއި އެ އޮޕަރޭޝަން ހިންގި އޮފިސަރުންގެ ނަންތައް ވެސް އެޗްއާރްސީއެމްއާ ހިއްސާކޮށްފައިވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ފުލުހުންގެ އަނިޔާވެރި ސަގާފަތް ހުއްޓުމަކަށް ގެނުވަންޖެހޭ ކަން ވެސް ހަމީދު ފާހަގަކުރެއްވިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މ. އުޖާލާގެ ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަންގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.