މިއީ އެމެރިކާގެ އޯހައިއޯ ސީނިޔާ ލިވިން ފެސިލިޓީގައި އުޅޭ ދެމީހެއްގެ ވާހަކައެވެ.
ޖޯން އަކީ ދުނިޔޭގެ ބޮޑު ހަނގުރާމަ ތަޖުރިބާކުރި 100 އަހަރުގެ ފިރިހެނެކެވެ. ޕިލިސް އަށް މިއަހަރު އޯގަސްޓު އަށެއްގައި 103 އަހަރު ފުރެއެވެ.
މިދިޔަ ހަފުތާގައި، ކައިވެނި ކުރަން ފޯމް ހުށަހެޅުމަށް ކޯޓަށް ދިޔުމުން ވަގުތުން ކައިވެނި ކޮށްދެވިދާނެ ކަމަށް ކޯޓުން އެމީހުން ކައިރީ ބުންޏެވެ. ރައްޓެހިވެގެން އުޅޭތާ އެއް އަހަރު ވެފައިވާ މިދެބައިވެރީން ނިންމީ އެވަގުތު ކައިވެނި ކުރެވޭތީ ވަގުތުން ވަގުތަށް ކައިވެނިކޮށްލުމަށެވެ.
ޖޯން ސީއެންއެންއަށް ބުނި ގޮތުގައި އެއީ ރާވައިގެން ކުރި ކަމެއް ނޫނެވެ. ޖޯން އިތުރަށް ބުނީ އެމީހުން ފަދަ ދޮށީ އުމުރުގެ މީހުން ކައިވެނި މި ކުރީ ލޯބި ވެގެންނޭ ބުނުމުން ގަބޫލު ނުކުރެވޭނެކަން އެނގޭ ކަމަށާއި ނަމަވެސް ހަގީގަތުގައިވެސް ދެބައިވެރިން އެކަކު އަނެކަކު ދެކެ ލޯބިވީކަމަށެވެ.
މި ދެބައިވެރިންގެވެސް ކުރީގެ އަނބިމީހާ އަދި ފިރިމީހާ ވަނީ މަރުވެފައެވެ. އެހެންކަމުން ދެމީހުން ދެކޭގޮތުގައި އެދެމީހުން ބައްދަލުވުމަކީ ލިބުނު ނަސީބެކެވެ.
ދެމަފިރިން އެކީގައި ގިނަ ކަންކަން ކޮށް ގިނަ ވަގުތު ހޭދަކުރި ނަމަވެސް ޕިލިސް ބުނި ގޮތުގައި އަދިވެސް ދެމީހުންގެ ދެ އެޕާޓްމަންޓް ބަހައްޓާފައި ހުރި ކަމަށެވެ. ޖޯންގެ އެޕާޓްމަންޓް ހުންނަނީ މަތީބުރީގައެވެ. އަދި ޕިލިސް އުޅެނީ ތިރީގައެވެ. ޕިލިސް ބުނި ގޮތުގައި އެއީ އެކުގައި އަބަދު އުޅުނު ނަމަވެސް ދެމީހުންވެސް އެކަނި ވަގުތު ހޭދަކުރުމަކީވެސް މުހިންމު ކަމެއްކަމުން ދެ އެޕާޓްމަންޓް ހުރުމުން އެހާލަތުގައި ފަސޭހަވެގެން ދާކަމަށެވެ.