ޝައިމް އަބްދުﷲ، 14އ، ފޮރުވި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ އެފަދަ ކުށްތަކުން ކުދިން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ނެރުމަކީ ހަމައެކަނި ކަމާ ގުޅޭ މުއައްސަސާތަކުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި އާންމުންގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގައި ހުއްޓައި މިދިޔަ މަހު 18 ވަނަ ދުވަހު ގެއްލުނު ޝައިމް ހޯދަން ފުލުހުން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް، އޭނާ ފެނިފައިވަނީ މާލޭގެ ގެއެއްގެ ތެރެއިން މިމަހުގެ އެއްވަނަ ދުވަހުއެވެ.