ޑރ. މުހައްމަދު މުއިއްޒު

ނުހައްގުން ފްލެޓު ދިން ކަމުގެ މައްސަލައެއް ހޯދަމަށް ފްރޭމް ކުރުން ނޫން ގޮތެއް ނޯންނާނެ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ނުހައްގުން ފްލެޓު ދިން ކަމުގެ މައްސަލައެއް ހޯދަމަށް ފްރޭމް ކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން 100 ދުވަސްތެރޭގައި ފްލެޓު ދިން ގޮތުގެ މައްސަލަ ބަލާނެ ކަމަށް ބުނި ނަމަވެސް، އަށް މަސްވެގެންދިޔަ އިރުވެސް މައްސަލައެއް ހޯދިފައި ނުވާ ކަމަށެވެ.

"އެމީހުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަމެއް އަށް މަސް ވެގެންދާއިރު ވެސް އެބޭފުޅުންނަށް ރައީސް ޔާމީންގެ ސަރުކާރުން ފްލެޓުތައް ދިން ގޮތުގެ މައްސަލައެއް ނުހޯދުނު. އޭގައި މައްސަލައެއް އޮތް ނަމަ، ހޯދޭނެ. އެއަކު އަޅުގަނޑުމެން ނޯންނާނެ ގަވާއިދާ ހިލާފަށް ކޮށްފައި އޮތް އެއްވެސް ކަމެއް. އެހެންވީމާ އެކަމުގައި އެބޭފުޅުން ދެން ކަމެއް ކުރަންޏާ، އަޅުގަނޑުމެންނަށް އިނގިލި ދިއްކުރަންޏާ އެބޭފުޅުން ޖެހޭނީ ކަމެއް އުފައްދަން. ފްރޭމްކުރަން ޖެހޭނީ. އެނޫން ގޮތަކަށް ހަމަ ލާހިކެއް ނޫން އެއްވެސް ކަމެއް ހޯދާކަށް،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ފައްޓަވާފައިވާ ތަރައްގީގެ ހުރިހާ ކަމެއް ވެސް މި ސަރުކާރުން ފޭރިގަންނަމުންދާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން އެތައް ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ބޯހިޔާވަހިކަން ވެސް ފޭރިގަންނަނީ ނޫންތޯ. ވަރަށް ހިތާމަވެރި ކަމެއް މި ފެންނަނީ. އެމަނިކުފާނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރުގައި، އޭގެ ކުރީގައި ވެސް މިތަނުގައި ގިނަ ވެރިކަމެއް ހިނގާފައި އޮތް. މާލޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބޭނުންވެފައި ތިބި އެތައް ރައްޔިތުންނެއް ތިބި. އެހެންނަމަވެސް އެހާތަނަށް އައިއިރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅިފައި ހުރި ބޯހިޔާވަހިކަމުގެ އަދަދަށް ވުރެ އެތައް ގިނައަކުން ގިނަ ބޯހިޔާވަހިކަން، ފްލެޓުތައް، ހައުސިން ޔުނިޓްތައް އެމަނިކުފާނުގެ ފަސް އަހަރު ނިމުނުއިރު މި ރާއްޖޭގައި އަޅަން ފަށާފައި ހުރިކަން އެއީ ހަގީގަތް. އެ ފްލެޓްތައް އެދަނީ ނިމެމުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފްލެޓުތަކާއި ހައުސިން ޔުނިޓްތައް ލިބޭނެ ފަރާތްތައް ރަސްމީކޮށް ކަނޑައަޅައި ނިމި، އެ ފަރާތްތަކުގެ ނަންތައް އިއުލާންކުރެވި، ލިޔުންތައް ހަވާލުކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި ގާނޫނީ ހަމައިން ދިވެހި ރައްޔިތުންނަށް ހަވާލުކޮށްފައި އޮތް ލިޔުންތަކެއް، ނިންމުމެއް ފޭރިގަތުމަކީ ބޮޑު އަނިޔާއެއް ކަމަށެވެ.