ޚަބަރު

ސިނގިރޭޓް ވަކިން ވިއްކައިގެން 28 ތަނެއް ޖޫރިމަނާކޮށްފި

ސިނގިރޭޓް ވަކިން ވިއްކައިގެން 28 ތަނެއް ޖޫރިމަނާކޮށްފިއެވެ.

ސިނގިރޭޓް ވަކިން ވިއްކުން މަނާކޮށްފައިވާ އިރު، އެއާ ހިލާފަށް އެއްވެސް ތަނަކުން ވިޔަފާރިކުރޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

އެޗްޕީއޭ އިން މިއަދު ހިންގި އެ އޮޕަރޭޝަނުގައި 28 ތަނަކުން ވަކިން ސިނގިރޭޓު ވިއްކައިގެން ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ފިހާރައާއި 17 ކެފޭ ރެސްޓޯރެންޓެވެ.

އެ އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވާ ތަންތަނުގެ ތެރެއިން 62 އިންސައްތަ ތަންތަނުން ވަކިން ސިނގިރޭޓް ވިއްކާކަން ފާހަގަވެފައިވާ އިރު، ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދިޔައީ 37 އިންސައްތަ ތަންތަނެވެ.

މިއަހަރުގެ މެއި 31 އިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާކޮށްފައެވެ. އެއީ އަލަށް އެކުލަވާލައިފައިވާ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދުގެ ދަށުން ކުރަން ނިންމާފާއިވާ ކަމެކެވެ.