ޚަބަރު

ފެން ހިންދާ ސިސްޓަމް ފެއިލްވެ މުޅި މާލޭގައި ފެން ބޮޑުވެއްޖެ

އަހުމަދު ޖައިޝަން

ފެން ހިންދާ ނިޒާމު ފެއިލްވެ މުޅި މާލޭގައި ފެން ބޮޑުވެއްޖެ އެވެ.

ރޭ ފަތިހުއްސުރެ ހުއްޓައިނުލައި ވެހެމުން ދިޔަ ވާރޭގެ ސަބަބުން ހެނދުނު ވީ އިރު މަގު ތަކުގައި ވަނީ ހިނގަިއބިނގައިވެ ނޫޅެވޭ ވަރަށް ފެން ހެދިފަ އެވެ. ބައެއް މަގުތަކުގެ ދުވާރުމަތީ ފެން ހެދިފައި ވާއިރު އެހެން ބައެއް މަގުތަކުގައި ގޭގެއަށް ވެސް ފެން ވަދެފައިވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ގާއިމުކޮށްފައިވާ ސްޓޯމް ވޯޓަރ ސިސްޓަމް ތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓަރ ސިސްޓަމްތަކުގެ ގިނަ ޕަމްޕް ސްޓޭޝަންތަކެއްގެ ޕެނަލް ބޯޑަށް ގެއްލުން ދީ ހަލާކުކޮށްލާފައި ކަމަށެވެ.

ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓު ސަޕްލައިވެސް ވަނީ ކަނޑާލާފައި ކަމަށް މިނިސްޓަރު މުއިއްޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

"މި ކަންކަން ކުރި ފަރާތްތަކުގެ ނާތަހުޒީބު އަމަލު ކުށްވެރި ކުރަން. އަދި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދެން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ސްޓޯމް ވޯޓަރ ސިސްޓަމްތައް ގާއިމުކޮށްފައި ވަނީ ވާރޭ ހުއްޓާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިނދޭ ގޮތަށް ކަމަށެވެ.

އެހެންކަމުން ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެގޮތަށް ކަންތައް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުއިއްޒުގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.

މާލޭގައި ފެން ހިންދާ ސިސްޓަމްތައް ހަލާކުކޮށްލާފައިވާ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ދުވަސްވަރެކެވެ.