ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއް: ޝާހިދު

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތް ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިހެން ވިދާޅުވީ އެމެރިކާގެ 243 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗާޑް ޕޮމްޕެއޯއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި އެމެރިކާގެ މިނިވަންކަން އިއުލާންކުރިތާ 243 އަހަރު ފުރުމުގެ މުނާސަބަތުގައި ސެކްރެޓަރީ ޕޮމްޕެއޯއަށާއި، އެމެރިކާ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އަމިއްލަ ނަންފުޅުގައި ތަހުނިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.

އަދި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އެމެރިކާއިން ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ދެގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އޮންނަ ގުޅުމަކީ އެހެން ގައުމުތަކަށް މިސާލެއްކަމުގައި މިނިސްޓަރު ޝާހިދުގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެގައުމުގެ މެދުގައި އޮންނަ ގުޅުން މިއަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާވެގެން ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.