ޑރ. މުހައްމަދު މުއިއްޒު

ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހެދީ އަތްފޯރާފަށުގައި ބޯހިޔާވަހިކަންދޭން: ޑރ. މުއިއްޒު

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ހެދީ އަތްފޯރާފަށުގައި ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ދިނުމަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅީގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން މިހާރު ދިރިއުޅެމުންދާ ހާލަތުން އަރައިގަތުމަށްޓަކައި އަތްފޯރާފަށުގައި ބޯހިޔާވަހިކަމެއް އެބަ ބޭނުންވާ ކަމަށެވެ.

އެގޮތުން ދެ ކޮޓަރީގެ ފުލެޓްތަކެއް އަޅައި އެތަންތަނަށް މީހުން ބަދަލުކުރުމުން މިހާރުން މިހާރަށް ކުރީގެ ހާލަތުން އަރައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރުން އެއްފަހަރާ އެންމެ ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ ދެކޮޓަރީގެ ފުލެޓްތައް އިމާރާތްކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތަށް ނިންމީ އިކޮނޮމިކް ކައުންސިލާ މަޝްވަރާކުރުމަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފުލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ދެއްކެވި ވާހަކަފުޅުގައި ވަރަށް ބޮޑަށް އިތުރުފުޅު ހެއްދެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ފުލެޓްތަކުން މަހު ކުލީގެ ގޮތުގައި ނަގަން ނިންމާފައިވާ ފައިސާގެ އަދަދުތައް ބަޔާންކޮށް ލިޔެފައިވާ ލިޔުންތައް ރައީސް އޮފީސް އަދި އެޗްޑީސީގައި ވެސް ހުންނާނެ ކަމަށެވެ.

އަދި ފުލެޓްގެ މަހުކުލީގެ ގޮތުގައި 11،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަފުޅެއް ނޫން ކަމަށާއި މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާނީ 5600 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފުލެޓްގެ އަގު އެއްދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން ގޮސް، ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ފުލެޓްގެ މަހުކުލި 13000 ރުފިޔާއަށް އަރާކަމަށް ވިދާޅުވުމަކީ ދެކޮޅުޖެހޭ ވާހަކަފުޅެއް ނޫން ކަމަށާއި ސަރުކާރު ޒިންމާދާރުވާންޖެހޭ ކަމަށެވެ.