ފުޓުބޯޅަ ކުޅުމަށް ބޭނުންވާ ބޮޑެތި ސައިޒުގެ 30 ޓާފް ދަނޑާއި 30 ފުޓްސަލް ދަނޑުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިޔަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށް މީޑިއާތަކާ ބައްދަލުކުރައްވައި ދާދި ދެންމެ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ދާއިރާއަކީ އެމަނިކުފާނުގެ ސަރުކާރުގައި ޚާއްސަ އަހައްމިޔަތެއް ދެއްވައިގެން ކުރިޔަށް ގެންދަވާ ދާއިރާއެއް ކަމަށާއި ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ކުރާން ޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށެވެ.
ދިވެހި ގައުމީ ވޮލީ ޓީމު އިއްޔެ ރޭ ސާރބިއާ އަށް ތަމްރީނަށް ފުރުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ގައުމީ ވޮލީ ޓީމު ތަމްރީނު ހެދުމަށް ޔޫރަޕަށް ދިޔަ ފުރަތަމަ ދަތުރު ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑޯ ކުޅިވަރުތައް ކުޅުމަށް ޚާއްސަ އިންޑޯ ސްޓޭޑިއަމް އާއި ކްރިކެޓް ތަރައްގީ ކުރުމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާތަން ފެންނާނެ ކަމަށެވެ.