މިދިޔަ ދުވަސްތަކުގެ ތެރޭގައި، ވެހިކަލް ޕާކު ކުރުމަށް އިތުރު ޖާގަތަކެއް ހެދިއްޖެ ކަމަށާއި، އެހެން ނަމަވެސް އަދިވެސް އެއީ ފުދޭ މިންވަރު ނޫން ކަމަށާއި ފުލުހުން ވެހިކަލް ތަކުގައި ސްޓިކާ ޖަހާ މައްސަލަ ބައްލަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށް މީޑިއާތަކާ ބައްދަލުކުރައްވައި ދާދި ދެންމެ ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ޕާކިންގެ މައްސަލަ ކޮންމެވެސް މިންވަރަކަށް ހައްލުކުރެވިއްޖެ. އެކަމަކު މުޅީން ހައްލެއް ނުވޭ. އެހެންވީމަ ފުލުހުން ސްޓީކާ އެ ޖަހާ މައްސަލަ އަޅުގަނޑު ބަލާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށް ފަހު އެއީ ރައްޔިތުންނަށް އެކަމުން ދަތިވާ ކަމެއް ނަމަ، އެ މައްސަލަ ހައްލުކުރައްވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.
ފުލުހުން ސްޓިކާ ޖަހާ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވީ، ޕާކު ކުރާނެ ތަނެއް ނުދައްކަވައި، އެ މަނިކުފާނުގެ ސަރުކާރެއްގައި ސްޓިކާ ނުޖަހާނެ ކަމަށް، ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވެފައި ވާތީ އެކަމާ ގުޅުވައިގެންނެވެ.