ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކީން ގެންދިޔުމުން ތަރައްގީގެ މަޝްރޫއުތަކަށް ދަތިތަކެއް ދިމާވޭ: ރައީސް

އިބްރާހިމް ޒަކީ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކީން ގެންދިޔުމުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަން ދަތިތަކެއް ކުރިމަތިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާއަށް މައުލޫމާތު ދެއްވުމަށް މީޑިއާތަކާ ބައްދަލުކުރައްވައި ދާދި ދެންމެ ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމޭ ތަނުން އެހާ ކައިރީގައި އޭގެ ފަހުން މަޖިލިސް އިންތިޚާބު އޮތުމުން އިންތިޚާބު ވާ ސަރުކާރަށް ކަންކަމުގައި އެކި ކަހަލަ ތުހުމަތުތައް ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެ ގޮތުން އިންތިޚާބުވާ ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ޓަކައި، އެ މީހުންގެ ކެންޑިޑޭޓުންނަށް ފުރުސަތު ބޮޑުވާ ގޮތަށް ކަންކަން ކުރުމަށް ޓަކައި ނުފޫޒުގެ ބޭނުންކުރާ ކަމުގެ ތުހުމަތު ކުރާ ކަމަށް ވެސް ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ތުހުމަތުތައް ކުރިމަތި ވުމުގެ ނަތީޖާއަކަށް ވަނީ މަޝްރޫއުތައް މަޑުޖައްސައިލަން ޖެހުން ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ވެސް މަޖިލިސް އިންތިޚާބާ ދިމާކޮށް، ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރަނީ ކަމަށް ތުހުމަތުތައް ކުރުމުގެ ފުރުސަތު ނުދިނުމަށް ޓަކައި، މަޝްރޫއުތައް މަޑުޖައްސައިލާން އެންގެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.