ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓްރާންސްޕޯޓްގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް އައްޔަންކުރި މަހާ ސަސްޕެންޑް ކުރަން ނިންމަވައިފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް އައްޔަންކުރި މަހްމޫދު ޝަފީގް (މަހާ) ސަސްޕެންޑް ކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަނާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ސިޔާސަތަކީ ކުރީން ވެސް ވިދާޅުވެފައި ވާނޭ ފަދައިން "ޒީރޯ ޓޮލެރެނެސް" ކަމަށާއި މަހާ އެ މަގާމަށް އައްޔަންކުރެއްވި އޭނާގެ އެފަދަ އެއްވެސް މައްސަލައެއް އޮތްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މަގާމުތަކަށް މީހުން އައްޔަން ކުރަނީ އެފަދަ އެއްވެސް ކަމެއް އެއްވެސް ތަނެއްގައި އޮތްތޯ ބެލުމަށްފަހު ނެތްކަން ކަށަވަރުކޮށްފަ. އެހެން ނަމެވެސް އޭސީސީން މީގެ ކުޑައިރުކޮޅެއް ކުރީން އެބަ އޮތް އޭނާގެ އެފަދަ މައްސަލަތަކެއް ބަލަމުން އަންނަ އަންގާފަ. އެހެންވެ އަޅުގަނޑު ނިންމާފަ އޮންނާނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ސަސްޕެންޑް ކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ސައުދީ އަރަބިއްޔާ އިން ދިވެހި ސަރުކާރަށް ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރެއް، ޔާމީނުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ ނަމަށް ގަވައިދާ ޚިލާފަށް ރަޖިސްޓްރީކުރުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރެވޭ މަހާ ސިޔާސީ މަގާމަކަށް އައްޔަންކުރުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ.

ސިޔާސީ އެކި މަގާމުތަކަށް ރައީސް ސޯލިހުގެ އައްޔަން ކުރެއްވި ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވުމުން، އެމައްސަލަތައް ވަކި ގޮތަކަށް ނިމެންދެން މީގެ ކުރީން ވެސް ސަސްޕެންޑްކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.