ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަތަރު ލީޑަރުން ރަށުގައި ތިއްބަވާ ވަގުތެއް ބަލާފައި ލީޑަރުންގެ ބައްދަލުވުމަށް ދައުވަތު އަރުވާނަން: ރައީސް

އިބްރާހިމް ޒަކީ

ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން މާލޭގައި ތިއްބަވާ ވަގުތެއް ބައްލަވާފައި ހަތަރު ލީޑަރުންގެ ބައްދަލުވުމަކަށް ދައުވަތު އަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގަ އެެވެ.

ސަރުކާރު ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ނުބާއްވާ މައްސަލައާބެހޭގޮތުން ނޫސްވެރިއަކު ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ، ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކު ކޯލީޝަނަކުން ކަމަށާއި އަދިވެސް އެގުޅުން ރަނގަޅަށް އެބައޮތް ކަމަށެވެ.

ނަމަވެސް ކަމެއް ކުރާއިރު އޭގެން ނިކުންނަންޖެހޭ ނަތީޖާތަކެއް އޮންނަންވާނެ، ކަމަށާއި، ކުރެވޭނެ ފައިދާއެއްވެސް އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ކޯލީޝަންގެ ބައްދަލުވުމެއް ނުބޭއްވީ އެކަމުން ކުރާނެ ފައިދާއެެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާތީއެވެ. އޭރު ބައްދަލުވުމެއް ބޭވުމަށްވުރެ ނުބޭއްވުން، ކޯލީޝަނަށް މާ ފައިދާބޮޑުކަމަށް ފެނިވަޑައިގަންނަވައިގެންނެވެ.

"އެނގިވަޑައިގަންނަވާނެ، މަޖިލިސް އިންތިހާބަށް ދިޔައިރުގަ އަޅުގަނޑުމެންނަކަށް އެއްބަހެއްނުވެވުނު، މަޖިލީހުގައި ދާނީ އެކީގައިކަމެއް، އެހެންކަމަށް ވަންޏާ އެގަޑީގަ ހަތަރު ލީޑަރުންނާ އަޅުގަނޑާ އެކީގަ އިށީންދެގެން ކުރެވޭނެ މަޝްވަރާއެއް އޮތްކަމަކަށް، އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އަނެއްކާވެސް މިހާރު މިއޮތީ ފައްކާވެފައި ކަމަށާއި އެކަމަށް މަގު ފަހިވެފައި ކަމަށެވެ.

"އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ހުރިހާ ލީޑަރުން މާލޭގައި ތިއްބަވާ ދުވަހަކުން ވަރަށް އަވަހަށް މީޓިންއެއް ބާއްވާނަން. އަޅުގަނޑު ކުރިން ނިންމައިގެން އޮތީ ޖުލައި ހަތެއްގައި އެ ބާއްވަން. ނަމަސް އެއްލީޑަރަކު މިވަގުތަކު ނެތް ރާއްޖެއަކު، ޖުލައި ދިހައެއްގެފަހުގެ ތާރީހެއްގައި ބައްދަލުވުމަކަށް ގޮވާލާނަން،" ރައީސް ވިދާޅުވިއެވެ.