ދިރާސާ ކުރުމަށްފަހު ހިލޭ ބޯހިޔާވަހިކަން ދޭންޖެހޭ ފަރާތްތަކަށް ހިލޭ ބޯހިޔާވަހިކަން ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގަިއ މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެކަން ކޮށްދެއްވާނެކަމަށް ވެވަޑައިގެން ވައުދުފުޅާ ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ވަރަށް ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ މީހުން އެބަތިބި ކަމަށެވެ.
އަދި ސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ މީހުން އެބަތިބި ކަމަށާއި، އެމީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެކަން ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދިރާސާ ނިމުމުން ހިލޭ ބޯހިޔާވަހިކަން ދޭންޖެހޭ މީހުންނަށް އުޖޫރައެއްނެތި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ހަދާ ފްލެޓް ޕްރޮޖެކްޓަކީ ސަރުކާރުން 700 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
އަދި އެ ފްލެޓްތައް އޭރު ހަދަމުންދިޔަ ގޮތަށް ބަލާއިރު ދެ ރޫމް އެޕާޓްމަންޓަކަށް އެގާރަހާސް ރުފިޔާ ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެއީ 520 އަކަފޫޓުގެ އޭރިއާއެއް ކަމުން، އިންސާނުންދިރިއުޅެން އެކަށީގެންވާތަނަކަށް ނުވާތީ އެތަންތަނަށް ބަދަލު ގެނަސްފައިވާ ކަމަށް ވިދާޅުވިއެވެ.
ގެނައި އެ ބަދަލާއެކު ތިންރޫމު އެޕާޓްމަންޓެއްގެ އަގު ތޭވީސް ހާހަށް، އަދި ދެރޫމް އެޕާޓްމަންޓެއްގެ އަގު ތޭރަ ހާހަށް އަރާކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެތަނުގެ ފްލެޓްތަކަށް ދައްކަންޖެހޭ އަދަދު ހަހާސް ރުފިޔާއަށް ކުޑަކުން ސަރުޚާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން ސަބްސިޓައިސްކޮށްގެން ފައިސާއިން ބައެއް ލައިގެން ރައްޔިތުން ދައްކަންޖެހޭ އަދަދު 600 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.