ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ޚާއިނު، ބާރު އޮތަސް މައާފެއް ނުދޭނަން، އޭނާ ޖެހޭނީ ހުކުމް ތަންފީޒުކުރަން: ރައީސް

އިބްރާހިމް ޒަކީ

ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ޚާއިނު ކަމަށާއި ބާރު އޮތް ނަމަވެސް އޭނާ އަށް މައާފު ނުދެއްވާނެ ކަމަށާއި އޭނާ ޖެހޭނީ ހުކުމް ތަންފީޒުކުރަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގަ އެެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ކުރީން ލުތުފީ ލަންކާގައި ހުރި އިރު ވެސް އަދި ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ވެސް ލުތުފީއާ ބައްދަލުވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ލުތުފީ އަކީ ކުށްވެރިޔެއް ކަމަށާއި ރާއްޖެ އައުމަސް ފަހު ހުކުމް ތަންފީޒުކުރުމަށް އޭނާ ދާން ޖެހޭނީ ޖަލަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ޚާއިނު. އަޅުގަނޑަކަށް އޭނާއަށް މައާފެއް ނުދެވޭނެ. ބާރު އޮތަސް އަޅުގަނޑު އެކަމެއް ނުކުރާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ލުތުފީ އެމްބަސީއަށް ދިޔައީ މޭ މަހުގެ އެއްވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު އެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ. އެހެން ކަމުން އެ ދުވަހުން ފެށިގެން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ އޭނާ އަލުން ފިލިޔަ ނުދީ ރާއްޖެއަށް ގެންނާން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ދުވަސްވަރަކީ ލަންކާގައި ބޮން ގޮއްވުމުގެ ހާދިސާތައް ހިނގައި ދިޔަ ދުވަސްވަރު ކަމަށް ވުމުން އެކަން ލަސްވެގެންދާ ގޮތް މެދުވެރިވީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭނާ އެމްބަސީއަށް ދިޔަ ދުވަހު އަޅުގަނޑުމެންގެ އެކަން ލަންކާގެ އެޓާނީ ޖެނެރަލަށް އެންގިން. އޭގެ ދުވަސްކޮޅެއް ފަހުން އެޓާނީ ޖެނެރަލް ވެސް ބަދަލުވެއްޖެ. އެޔާ ގުޅިގެން ލިޔެކިޔުންތައް ބަދަލުކުރުމުގެ މައްސަލަތައް އަނެއްކާވެސް ދިމާވި. މިހާރު އަޅުގަނޑުމެންނަށް ލުތުފީ ރާއްޖެއަށް ގެންނަން ސީއައިޑީގެ ހުއްދަ ލިބިއްޖެ. އެޓާނީ ޖެނެރަލް ހުއްދަ ދިނީމަ ގެންނަންވީ." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ލުތުފީ ރާއްޖެ އަށް ގެންނާން އެތައް މިލިއަނެއްގެ ފައިސާއެއް ސަރުކާރުން ދައްކާން ޖެގޭ ކަމަށް ބުނާ ވާހަކައަކީ ތެދެއް ނޫން ކަމަށާއި އެހެން ނަމަވެސް އޭނާ ރާއްޖެއަަށް ގެންނާން ކުރާން ޖެހޭ ޚަރަދެއް ސަރުކާރުން ކުރާނެ ކަމަށެވެ.

"މިާލަކަށް ޓިކެޓް އަދި ވިސާ އަށް ދައްކަން ޖެހޭ ފައިސާ ފަދަ ޚަރަދުތަކެއް އެބަ ހުރޭ. އަދި މިހާރު އެހުރީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އެހެން ވީމަ ކޮންމެ ގޮތެއް ވިޔަސް އޭނާ ގެންނާން ކުރަން ޖެހޭ ޚަރަދެއް އަޅުގަނޑުމެން ކުރާނަން." ރައީސް ވިދާޅުވި އެވެ.