ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަހި ކޯޕަރޭޝަނުން އަޅާ ފްލެޓުތަކުން 2 ކޮޓަރީގެ ފްލެޓެއް 6000 އަދި 3 ކޮޓަރި 7000 އަށް ލިބޭނެ: ރައީސް

2

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން، އިމާރާތްކުމަށް ނިންމާފައިވާ 9200 ފްލެޓް ސަރުކާރުން ދޫކުރުމަށް ނިންމާފައިވަނީ 2 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 6000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 7000 ރުފިޔާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މީޑިއާތަކާ ބައްދަލުކުރައްވައި އެމަނިކުފާނު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރީންގެ ބައްދަލުވުމުގަ އެެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު އަތޮޅުތަކުގައި ފަސްހާސް ހައުސިން ޔުނިޓް ގާއިމް ކުރުމުގެ މަސަައްކަތް ބިޑަށްލެވި އެ މަޝްރޫއު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހުޅުމާލޭގައި 4200 ހައުސިން ޔުނިޓް އެޅުމަށްޓަކައި ދެ ޕާޓީއަކާއެކު ފްރޭމްވޯކް އެއްބަސް ވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން ގާއިމް ކުރެވޭ 760 އަކަފޫޓުގެ ދެ ކޮޓަރީގެ ފްލެޓެއް 6000 ރުފިޔާގެ އަގަކަށް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ ފުލެޓެއް 7000 ރުފިޔާއަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިޔާ މަޝްރޫއުގެދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަންފެށި 7000 ފްލެޓެއް އޭރު ހުރިގޮތަށް ނިންމާނަމަ އޭގެ އަގަކީ ދެ ކޮޓަރީގެ ފްލެޓެއް އެގާރަހާސް ރުފިޔާ ކަމަށެވެ. ނަމަވެސް އެއީ ސޯޝަލް ހައުސިންގެ ގޮތުގައި ރައްޔިތުންނަށް ދެއްކޭނެ އަދަދެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެތަންތަނަކީ އިންސާނުން އުޅެން އެކަށީގެންވާ ގޮތަށްހުރި ތަންތަން ނޫންކަމުން އެ ފްލެޓްތަކުގެ އޭރިޔާ ބޮޑުކޮށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައުމުން ދެ ކޮޓަރީގެ ފުލެޓެއް ތޭރަހާސް ރުފިޔާއަށް، ތިން ކޮޓަރީގެ ފްލެޓެއް ތޭވީހާސް ރުފިޔާއަށް ޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ސަރުކާރުން ސަބްސިޓައިސް ކޮށްގެން އެކަމަށް ހައްލެއް ގެނެވި، މި ސަރުކާރުން އަޅާ ފުލެޓްތަކުގެ އަގަށް އެ ފުލެޓްތައް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ނިމުނުހާ އަވަހަކަށް އެކަން ހާމަ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟