ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާ ނައިބު ރައީސް ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން މާލެ ސަރަހައްދު ސްކޫލްތަކުގެ ޕްރިސިންޕަލުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.

މިއަދު ހެނދުނު މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުން އެބޭފުޅުންގެ ކަންބޮޑުވުންތަކުގެ އިތުރުން ސްކޫލް މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަން ނައިބު ރައީސް އާއި ހިއްސާ ކުރެއްވިއެވެ. އަދި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ފާހަގަކުރުމުގެ އިތުރުން، އެބޭފުޅުންގެ މުސާރައާއި އިނާޔަތް މުރާޖައާކޮށް އެކަށީގެންވާ ބަދަލެއް ގެނައުމަށް ނައިބު ރައީސްގެ އަރިހުގައި އެދެވަޑައިގަތެވެ. މީގެ އިތުރުން ޕްރިސިންޕަލުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމްތަކާއި އިންޝުއަރެސް ޕެކޭޖް ތައާރަފު ކުރުމަށް ނައިބުރައީސް އަރިހުގައި އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ޕްރިންސިޕަލުން އެދިވަޑައިގަތް ކަންކަން ވަރަށް ގާތުން ބައްލަވާނެކަމަށާއި އެކަންކަމަށް ވީހާވެސް އަވަސް ހައްލުތަކެއް ހޯއްދައިދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވިއެވެ. އަދި ޕްރިންސިޕަލުން އަދާކުރައްވާ ޒިންމާގެ މައްޗަށް އަލިއަޅުއްވައިލައްވައި އެބޭފުޅުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރެއްވުމަށް ނައިބު ރައީސް އެދެވަޑައިގެންނެވިއެވެ. އަދި ސަރުކާރުން ޕްރިސިންޕަލުންގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމުގައި އެއްބާރުލުން ދެއްވާނެކަމަށް ނައިބުރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުން، ބެލެނިވެރިން އަދި ޕްރިސިންޕަލުންނާ ދެމެދުގެ ގުޅުން ބަދަހިކޮށް، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއެއްސެވުމަށް ނައިބުރައީސް އެދެވަޑައިގެންނެވިއެވެ.