ޚަބަރު

ޖޫން 25ގައި މަގުމަތިން ޖިންސީ ފުރައްސާރަ ކޮށްފައިވާ މައްސަލައެއްވާނަމަ ހުށަހަޅަން އެދިއްޖެ

އިބްރާހިމް ޒަކީ

ހުސްވި ޖޫންމަހުގެ 25 ވަަނަ ދުވަހު ސައިކަލެއްގައި ތިބި ބަޔަކު މާލޭގެ އެއްވެސް ހިސާބަކުން ޖިންސީ ފުރައްސާރަ ކޮށްފައިވާ އަމަލެއް ހިންގާފައިވާނަމަ އެކަން ހުށަހެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހުސްވި ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް، ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ބެލުމުން، ހަމަ އެދުވަހު މާލޭގެ އިތުރު ދެ ސަރަހައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ޖޫން މަހުގެ 25 ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް މީހަކަށް މިބާވަތުގެ ފުރައްސާރައެއް ކުރިމަތިވެފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި އެކަމުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު އަދާކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.