އިބްރާހިމް ޒަކީ
ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު ހުއްދަ ދޫކޮށްފައިވާ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކަނޑައަޅައިފި އެވެ.
މި މައްސަލަ އޭސީސީން ތަހުގީގުކޮށް އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލެއްވި ފުރުސަތުގައި 18 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށާއި، ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން އެ އެންމެހައި ލިޔުންތައް ހަމަތޯ ޗެކްކުރުމަށްފަހު، ހުށަހަޅަންޖެހޭކަމަށް ލާޒިމްކުރާ ލިޔުމެއް ނެތްނަމަވެސް ޕްރޮޕޯސަލް ބަލައިގެންފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.
އޭސީސީން ބުނީ، އިސްލާމިކް މިނިސްޓްރީގެ މެންބަރަކާއި ހައްޖު ސެކްޝަނުގެ މުވައްޒަފެއްގެ ހާޒިރުގައި، އިވެލުއޭޓްކޮށްފައިވާ ޕްރޮޕޯސަލްތައް ޗެކްކުރިއިރު، ޕްރޮޕޯސަލް ހުށަހެޅި ޕްރައިވެޓް ކުންފުންޏަކުން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅި އިތުރު އެހެން ކުންފުންޏަކުން ވެސް އެ އުސޫލްގައި ބަޔާންކޮށްފައިވާ އިސްވެރިޔާ އާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، މި ދެ ޕްރޮޕޯސަލްއަކީ އިވެލުއޭޝަން ކޮމެޓީއިން ބާޠިލް ކުރަންޖެހޭ ދެ ޕްރޮޕޯސަލަށް ވީނަމަވެސް، މި ދެ ޕްރޮޕޯސަލް އިވެލުއޭޝަން ކޮމެޓީއިން ބާތިލްކޮށްފައިނުވާ ކަމަށްވެސް އޭސީސީް ބުނެފައިވެއެވެ.
"ބާތިލްކުރަންޖެހޭ 2 ޕްރޮޕޯސަލް ބާތިލްކޮށްފައި ނުވަނީ އުސޫލުގެ 7 ވަނަ އަދި 8 މާއްދާގައި ބަޔާންކުރާގޮތުގެމަތިން ބަލަންޖެހޭ މިންވަރަށް ނުބެލުމުންކަން މި ކޮމިޝަންގެ ތަހްޤީޤަށް ފާހަގަކުރެވިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމެޓީއިން ޕްރޮޕޯސަލްތަކަށް ޕޮއިންޓްދީފައިވަނީ މަޢުލޫމާތު ޝީޓާ ހިލާފަށްކަމަށް ބުނެފައިވީނަމަވެސް، ޙައްޖަށް ގެންދިޔުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ ހައްޖަށް ގެންދިޔުމަށް ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ދަށް އަގަށް އެބަޔަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓް ދީގެން އަގު ބޮޑުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެއެވެ.،" އޭސީސީން ބުނެފައިވެއެވެ.
ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި އޭސިސީން ބުނެފައިވަނި، މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، އެ މައްސަލަ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.