ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކާއި ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މިރޭ އެ އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބުރިޖުގެ ހުޅުލޭ، ހުޅުމާލެ ލިންކް ރޯޑުގައެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ އުމުރަކީ 17 އަހަރެވެ. އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއާއި ތިން މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 11:10 ހާއިރު ކަމަށް އެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނެއެވެ.
އާސަންދައިން ބުނީ މިރޭ ހިނގި އެކްސިޑެންޓުގައި އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 50 އަހަރުގެ ފިރިހެނަކާއި، 43 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ ފިރިހެނެއް އަދި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ތިން މީހުންނާއި ކުއްޖާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ އެންމެންނަށް ވެސް ފަރުވާ ދެމުންދާ ކަމަށް އާސަންދައިން ބުންޏެވެ.
މިމަހުގެ ތެރޭގައި ކުރިން ވެސް ބުރިޖުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގާފައިވެއެވެ. މިމަހުގެ އަށްވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި 50 އަހަރުގެ މީހަކަށް އަނިޔާވި އިރު، މިމަހުގެ 18 ވަނަ ދުވަހު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވެއެވެ.