ޚަބަރު

ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް 241 ކޮމިޓީއަށް ހާޒިރުކުރަނީ

ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ، އަހްމަދު ރިލްވާން ގެއްލިފައިވާ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް، އެކަމާ ގުޅޭގޮތުން ސުވާލުކުރުމަށެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުން ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ފާސްކޮށްފައިވާ އިރު، މިއަދު ބޭއްވި 241 ކޮމިޓީގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިސްވެރިން ހާޒިރުކުރުމަށް ނިންމި ނަމަވެސް، ފުލުހުންގެ އިސްވެރިން ހާޒިރުކުރާނެ ވަކި ތާރީހެއް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކަނޑައަޅާފައެއް ނުވެއެވެ.

ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ. ހިސާން އެ މައްސަލަ ހުށަހެޅުއްވީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅިފައިވާ ރިލްވާނާ ބެހޭ ތިން މައްސަލައެއްގެ ރިޕޯޓް މަޖިލީހަށް ހުށަހަޅައިގެން ހޯމަ ދުވަހު ކުރިއަށްދިޔަ ބަހުސްގައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި މި ރިޕޯޓްގައިވާ އެއް މައްސަލައަކީ، 2014 ވަނަ އަހަރުގެ އޮގަސްޓް 18ގައި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތާއި އަދި އެމައްސަލަ ތަހުގީގު ކުރުން ލަސްވަމުން ދާތީ ކޮމިޓީން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދިފައިވާ މައްސަލައެވެ.

ދެވަނަ މައްސަލައަކީ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ސަލާމަތީ ބާރުތަކުން އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކެއްގައި އެ ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

ތިންވަނަ މައްސަލައަކީ، ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގެ ތަހުގީގު ހިންގުމުގައި ފުލުހުންގެ އިހުމާލުވެފައިވާ ކަމަށާއި ގަސްތުގައި ހަގީގަތް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބަޔާންކޮށް، ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް، އެ މައްސަލަ ބަލައިދިނުމަށް ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އޮގަސްޓް 2014ގައި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލަ، ގެއްލުވާލައިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.