އައްޑޫ ސިޓީ

އައްޑޫގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި

އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 60 އަހަރުގެ އަންހެނެއްގެ ފައިގެ ހުޅު ބަދަލުކުރުމަށް އެ ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ޑރ. އަލީ މުޒްނީއާއި ޑރ. ހުސައިން ފައިސަލް އަދި ޑރ. މުހައްމަދު ހަބީބެވެ. އެ ތިން ޑޮކްޓަރުންނަކީ ވެސް އައްޑުއަށް އުފަން ތިން ޑޮކްޓަރުންނެވެ.

ދެ ގަޑިއިރާއި 30 މިނެޓުގެ އެ އޮޕަރޭޝަނަށްފަހު ޑރ. މުޒްނީ ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ދިމާވި ގޮންޖެހުމަކީ އެ އޮޕަރޭޝަން ކުރުމަށް ބައެއް އާލާތްތައް މާލެއިން ގެންނަން ޖެހުމުން ކަމަށާއި މަހަކު އެއް ފަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މުޒްނީ ވިދާޅުވީ ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންގެ އިތުރުން ކުރިއަށްއޮތް ތަނުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ތަފާތު އޮޕަރޭޝަންތަކާއި މައިބަދައިގެ އޮޕަރޭޝަން އަދި ލިގަމެންޓްގެ އޮޕަރޭޝަންތައް ވެސް ކުރެވޭނެ ކަމަށެވެ.

އައްޑޫގެ އިތުރުން އެހެން ސަރަހައްދުތަކުގައި ވެސް ހުޅު ބަދަލުކުރުމުގެ އޮޕަރޭޝްތައް ކުރިއަށްގެންދާނެ ކަމަށާއި އަންނަމަހު ގދ. ތިނަދޫގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. މުޒްނީ ވިދާޅުވިއެވެ.