ޚަބަރު

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަށް ތަރައްގީ ކުރުމުގެ މުއްދަތު އިތުރުކުރެވޭ ގަވައިދެއް އެކުލަވާލައި އާންމުކޮށްފި

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީ ކުރަންދީފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ އިތުރުން އެރަށްތަކަށް ދައްކަންޖެހޭ ކުށްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކުރުމުގައި އަމަލު ކުރާނެގޮތުގެ ގަވައިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.

ގެޒެޓްގައި ޝާއިރުކޮށްފައިިވާ މި ގަވައިދުގެ ދަށުން ޓުއަރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތައް އެއްބަސްވެފައިވާ މުއްދަތަށް ތަރައްގީ ނުކުރެވިއްޖެ ނަމަ އެ މިނިސްޓްރީއަށް އެ ރަށުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ ބާރު ލިބިދެއެވެ. އަދި ރަށް ތަރައްގީކޮށް ނިންމުމަށް މުއްދަތު ދިނުމުގައި މިނިސްޓްރީން އަމަލުކުރަންވީ ގޮތް މި ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވައިދުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތައް ތަރައްގީކުރަން ދީފައިވާ މުއްދަތު އިތުރު ކުރުމަށް ބޭނުންވެއްޖެ ހާލަތުގައި ފާއިތުވި މުއްދަތުގައި އެރަށެއްގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ ތަފްސީލު ހުށަހަޅަންޖެހެއެވެ. އަދި އިތުރުކުރުމަށް އެދޭ "ކޮންސްޓްރަކްޝަން ޕީރިއަޑް" ގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. މިކަންކަން ފުރިހަމަ ނުވާ ނަމަ ރަށް ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު މިނިސްޓްރީއަކަށޤ އިތުރެއް ނުކޮށްދެވޭނެ އެވެ.

މަސައްކަތުގެ ދުވަސްވަރު ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އެ ރަށެއް ހިންގަން ފަށާ ތާރީހަކުން ފެށިގެން ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުން ނުވަތަ ލަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް މިގަވައިދުން ލިބެއެވެ. މި ގަވައިދާއެކު ކުރިން އަމަލު ކުރަމުން އައި "ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލު" ވަނީ އުވިފައެވެ.