ޚަބަރު

މޯދީ ކުރެއްވި ދަތުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކަށް އިންޑިއާގެ ކެބިނެޓުން ރުހުންދީފި

މަރިޔަމް ޝަހުދާ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިދިޔަ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު އެއްބަސްވުންތަކަށް އިންޑިއާގެ ކެބިނެޓުން ރުހުންދީފި އެވެ.

އިންޑިއާ ސަރުކާރުން މިއަދު އާންމު ކުރި ބަޔާނެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު ސިއްހީ ދާއިރާ އާއި ގުޅުން ހުރި އެއްބަސުވުމެއްގެ އިތުރުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު ޝިޕިންގ އެއްބަސްވުން އަދި ދެގައުމު ދެމެދު ފެރީގެ ހިދުމަތް ފެށުމަށް ވެވުނު އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން މިއަދު ރުހުން ދިންކަން ވަނީ އާންމުކޮށްފައެވެ. މި އެއްބަސްވުންތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޮއި ކުރައްވާފައިވަނީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ މަހު 8 ވަނަ ދުވަހުއެވެ.

ސިއްހީ ދާއިރާއިން އިންޑިއާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދެގައުމު ދެމެދު ޑޮކްޓަރުންނަށް ތަމްރީނު ކުރުމާއި، ސިއްހީ އޮފިޝަލުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގައި ސިއްހީ ދާއިރާއިން ދިރާސާ ހެދުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އެކި ސާމާނު ހޯދުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޯށްދިނުމަށާއި އެކި ބަލިތަކަށް ފަރުވާ ހޯދުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ. އަދި އީ-ހެލްތް އާއި ޓެލެމެޑިސިން ރާއްޖެއަށް ފޯރުކޮށްދިނުމުގެ އިތުރުން ދެގައުމު އެއްބަސްވާ ސިއްހީ ދާއިރާގެ ކޮންމެ ކަމަކަށް އެހީތެރިވުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

އިންޑިއާގެ ކޮޗީ އާއި ހދ.ކުޅުދުއްފުށި އަދި މާލެއާ ދެމެދު ފެރީ ހިދުމަތް ދިނުމަށް އިންޑިއާގެ މަޖިލީހުން ރުހުން ދީފައިވާ އިރު މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދު ފަތުރުވެރިކަން އިތުރަށް ފުޅަވާނެކަމަށް ގަބޫލު ކުރާ ކަމަށް މި ބަޔާނުގައި ވެއެވެ. މި ފެރީގެ ދަތުރުގަ ކޮޗީ އާއި މާލެއާ ދެމެދު 708 ކިލޯމީޓަރުގެ ދުރުމިން ހުރި އިރު ކޮޗީއާއި ކުޅުދުއްފުއްޓާ ދެމެދު ވަނީ 509 ކިލޯމީޓަރުގެ ދުރު މިނެކެވެ. މިއީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.