ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީތަކުގައި ކޮމިޝަނުގެ މެމްބަރުން ނޫން ފަރާތްތައް ހިމެނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީތަކުގައި ކޮމިޝަނުގެ މެމްބަރުން ނޫން ފަރާތްތައް ހިމެނުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ބުނީ އެގޮތަށް ނިންމައި، އެ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތަކާއި އެ ޝަރުތުތައް ހަމަވާ ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
މީގެ ކުރިން ޖޭއެސްސީގެ ތަހުގީގު ކޮމިޓީތަކަށް މުޅިން ވެސް އައްޔަންކޮށްފައިވަނީ އެ ކޮމިޝަންގެ މެމްބަރުންނެވެ. ޖޭއެސްސީގެ މެމްބަރުން ނޫން އެހެން ފަރާތްތައް ތަހުގީގު ކޮމިޓީތަކުގައި ހިމެނުމަށް ނިންމާފައިވާ އިރު، އެ ކޮމިޝަނުން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.
ޖޭއެސްސީން މިއަދު ނިންމި އެހެން ނިންމުންތަކަށް ބަލައިލާ އިރު، މެޖިސްޓްރޭޓް ކޯޓުތަކުގެ އޮނިގަނޑާއި މެޖިސްޓްރޭޓުން އައްޔަންކުރުން މިވަގުތަށް މަޑުޖައްސާލުމަށް ކޮމިޝަނުން ވަނީ ނިންމައިފައެވެ. ޖޭއެސްސީން އެގޮތަށް ނިންމީ މިހާރު ކޮމިޝަނުގެ ގާނޫނަށާއި ކޯޓުތަކުގެ އޮނިގަނޑު އަދި ފަނޑިޔާރުންގެ ޝަރުތުތައް ރިވިއުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އޭގެ އިތުރުން ޖޫން 13، 2019ގައި ބޭއްވުނު ކޮމިޝަނުގެ ޖަލްސާގެ އޯޑިއޯ ރެކޯޑިންގ އަދި ޔައުމިއްޔާ ހޯދުމަށް އެދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައިވާތީ، އެފަދަ މައުލޫމާތުތަކުގައި ފަނޑިޔާރުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އާއި ކޮމިޝަނުގެ ގާނޫނުގައި އެ މައުލޫމާތު ދިނުމަށް ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައި ނުވުމުން، އެ މައުލޫމާތު އެ ޕާޓީއާ ހިއްސާނުކުރުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.
ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދެ ފަހަރު އިއުލާން ކުރުމުން ވެސް އެ މަގާމަށް މީހަކު އައްޔަކުރެވިފައި ނުވާތީ، އެ މަގާމުގެ އަސާސީ ޝަރުތުގައި ބުނާ މަސައްކަތުގެ ތަޖުރިބާގެ ބައި ދަށްކޮށް، "ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރާނެ އުސޫލު" ފާސްކުރުމަށް ވެސް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އެ އުސޫލު ގެޒެޓު ކުރެވުނުހާ އަވަހަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިއުލާންކުރާނެ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.