ޚަބަރު

އަލަށް އިންތިހާބުވި އެމްޑީޕީ ޕީޖީ ގްރޫޕާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރޝިޕަށް އަލަށް ހޮވުނު ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ މިހާރުގެ ޕީޖީ ގްރޫޕާ ރައީސް ސޯލިހު ބައްދަލުކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުޅިގެން މަސައްކަތް ކުރިއައް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ހޮވިވަޑައިގެން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ހޮވިވަޑައިގެން ހެންވޭރު ދެކުނު ދާއިރާގެ ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަދި ޕީޖީ ގުރޫޕުގެ އަމީން އާއްމު ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ.