ފެބްރުއަރީ ހަތެއް، 2012 ގައި ހިނގި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ޣައިރު ގާނޫނީ އަމުރު ކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ނުކިޔަމަންތެރިވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ، އެ ފުލުހުން ފެބްރުއަރީ ހަތެއްގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ޖާބިރުގެ ހުށަހެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ. ޖާބިރު ހުށަހެޅުއްވީ ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރު އިމްރާން ސުވާލުކުރެއްވުމަށެވެ.
ފެބްރުއަރީ ހަތެއް، 2012ގައި އިދިކޮޅު ފަރާތްތަކާއެކު ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތެވެ. އެ ހާދިސާއާ ގުޅިގެން ވެރިކަމަށް ވަޑައިގެންނެވިތާ ތިން އަހަރަށް ފަހު، ރައީސް ނަޝީދު ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.