ޚަބަރު

އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ދެއްކި ވާހަކަތައް ޕީއެސްއެމްއިން ދޮގުކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އޭސީސީއިން ދެއްކި ވާހަކަތައް ޕީއެސްއެމްއިން ދޮގުކޮށްފި އެވެ.

ޕީއެސްއެމްއިން މިކަން ދޮގުކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. ޕީއެސްއެމް އިން ބުނިގޮތުގައި އޭސީސީއަށް ޕީއެސްއެމް އިން 20 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާނެއެވެ.

މި މައްސަލަތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ޓީމުތަކުން ބޭނުން އިިރަކު ޕީއެސްއެމްގެ އޮފީހަށް ވަޑައިގެން ބޭނުން ޑިޕާޓްމަންޓަކުން ބޭނުން ލިޔެކިޔުމެއް ހޯދައިގެން ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ޕީއެސްއެމް އިން ބުނެއެވެ. އަދި މި މައްސަލަތަކުގެ ތަހުގީގަށް އޭސީސީ އިން ކުންފުނިނީގެ އެކި މަޝްރޫއުތަކުގައި އިދާރީ މަސައްކަތް ކުރި މުވައްޒަފުންގެ ކޮމްޕިއުޓަރ ހާޑް ޑިސްކްތަކާއި އީ މެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައްވެސް އޭސީސީ އިން ގެންގޮސްފައިވާ ކަމަށް ޕީއެސްއެމް އިން މައުލޫމާތު ދެއެވެ.

އޭސީސީ އިން ބަލަމުންދާ މައްސަލަތަކުގައި ޕީއެސްއެމްގެ ފަރާތުން ބޭނުން ލިޔެކިޔުންތައް ފެންނަން ނެތް ކަމަށާއި އެ ލިޔެކިއުންތައް ލިބިފައި ނެތުމުން އޭސީސީގެ ތަހުގީގަށް ހުރަސް އެޅުން ކަމަށް ބުނާ ބުނުމަކީ ޕީއެސްއެމްގެ މައްސަލަތައް ނުބަލައި ފައިލް ކުރުމުގެ ނިޔަތުގައި އޭސީސީއިން ކުރާ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް ޕީއެސްއެމް އިން ބުނެއެވެ. ޕީއެސްއެމް އިން ބުނީ މިހާރުވެސް އޭސީސީއިން ތަހުގީގަށް ބޭނުންވާ ކޮންމެ ލިޔުމެއް ޕީއެސްއެމް އިން ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.