އިބްރާހިމް ޒަކީ
އާއްމު ކުދި ވިޔަފާރިތެރެއަށް އެސްޓީއޯ އިން ނުވަނުމަށް، އެތަނުން ކުރާ ވިޔަފާރި ތަކަށް ބަދަލު ގެންނަން ކުރަމުންދާ މަސައްކަތުގެ ދަށުން، އަމިއްލަ ފަރާތްތަކުގެ މުދާ އެސްޓީއޯ ސުޕަމާކެޓްގައި ވިއްކައި ދިނުމަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ (އެސްއޯއީ)ގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އާއްމު ވިޔަފާރިތަކާ ވާދަ ކުރުމުގެ ވިސްނުމެއް އެސްޓީއޯގައި ނެތް ކަމަށެވެ.
އަދި އާއްމުންގެ ތެެރެއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ މުދާ، އެސްޓީއޯ ސުޕަމާކެޓްގެ ޝޯކޭސްގައި ބަހައްޓައިގެން ވިއްކޭނެ އިންތިޒާމު ކުރިއަށް އޮތްތަނުުގައި ހަމަޖެހިގެންދާނެ ކަމަށެވެ.
"މިސާލަކަށް އެއީ ޓިޝޫ ވިއްކާ މީހެއްނަމަ ސުޕަމާކެޓްގެ ޝޯކޭސްގައި ބަހައްޓައިގެން އެ ވިއްކިދާނެ، ތަން އަޅުގަނޑުމެންގެ، ކަރަންޓް އަޅުގަނޑުމެންގެ މުވައްޒިފުން އަޅުގަނޑުމެންގެ، ދެން މާކެޓް ވެސް އޮންނާނީ ލިބިފަ" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، އެގޮތަށް ސުޕަމާކެޓްގައި ތަކެތި ބަހައްޓައިގެން ވިއްކަން ބޭނުން ވަރާތްތަކުން ހަމައެކަނި ޖެހޭނީ ކުއްޔެއް ދައްކަން ކަމަށެވެ.
އެގޮތުން ސުޕަމާކެޓްގެ ފުރުޓްސް އެންޑް ވެޖިޓަބަލްސް ބައިގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައި އެބައި އަމިއްލަ ފަރާތްތަކަށް އެއްކޮށް ދޫކޮށްލުމަށް އަންނަ ހަފްތާހައި އިއުލާން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.