ރާއްޖޭގައި އިންފުލުއެންޒާ ބީ އިތުރުވަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައިވަނީ މިއީ ގައިން ގަޔަށް އަވަހަށް ފެތުރެމުންދާ ބައްޔަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ވެކްސިން ޖެހުމަށާއި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށާއި ސައިބޯނި ލައިގެން ރަނގަަޅަށް އަތްދޮވުމުގެ އިތުރުން އާންމު ސާފުތާހިރު މިންގަނޑަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ގަދައަށް ހުން އަންނަ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި ގަދައަށް ގައިގައި ރިއްސާނަމަ ޕެރަސެޓްމޯލް ނޫނީ ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮފައިވެއެވެ.
މިދިޔަ މަހުގެ މެދުތެރޭން ފެށިގެން އިންފްލުއެންޒާ ރޯގާ އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ޖޫން 16 އިން ފެށިގެން ޓެސްޓު ކުރި ސާމްޕަލްގެ 40 ޕަސެންޓް ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޏެވެ.