އިބްރާހިމް ޒަކީ
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެވޭ އުމުރު 40 އަހަރަށް މަތިކޮށް، ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށް ޖޭއެސްސީގެ ގާނޫނަށް ހުށަހެޅި އިސްލާމު މަޖިލީހުން ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެނބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވި މި ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ބިލު ބަލައިގަތުމުން އިތުރަށް ދިރާސަކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ބިލް ފޮމުވަން މަޖިލީހުގެ ރިޔާސަތުން ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ ނިންމަވައިފައެވެ.
މި ބިލުގައި ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލެވޭ އުމުރު 40 އަށް މަތި ކުރުމަށްވަނީ ހިމަނައިފައެވެ.
ގާނޫނުގައި ޖޭއެސްސީގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި މިހާރު ކަނޑައަޅާފައި އޮންނަނީ މެންބަރެއްގެ އުމުރަކީ، 25 އަހަރު ކަމަށެވެ.
މި ބިލުގައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަން ހުށަހަޅައިފައެވެ.
ޑީޖޭއޭ މިހާރުން ހިންގަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.
އިސްލާހުގައި ބުނެފައިވަނީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށްފަހު، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަކީ ވެސް ޖޭއެސްސީން އައްޔަންކުރާ މަގާމަކަށް ބަދަލުވެގެންދާނެކަމަށެވެ.
މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީ އަށް ކަނޑައަޅާ މެންބަރަކީ ގާނޫނީ ވަކީލެއް ކަމުގައިވާ ނަމަ އެ މީހަކު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވިހާ ދުވަހަކު ރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ކޮށްގެން ނުވާނެކަމަށެވެ.
ބިލުގައި ބުނެފައިވަނީ ޖޭއެސްސީގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން ވަކިކުރެވޭނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ކޮމިޝަންގެ ޖަލްސާއަކަށް ހުށައަޅާ އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.