އެންވަޔަރަނަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ

ބުރިޖު ހެދިއިރު ކަނޑަށް ކުންޏާއި ދަގަނޑު އަޅާފައިވާތީ ޕްލޭނިން މިނިސްޓްރީ 8.9 ލައްކައިން ޖޫރިމަނާކޮށްފި

1

ސިނަމާލެ ބުރިޖު ހެދި އިރު އެ ސަރަހައްދުގެ ކަނޑު އަޑިޔަށް ގިނަ އަދަދެއްގެ ދަގަނޑާއި ކުނި އަޅާފައި ވާތީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ 892500 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، 2016 ވަނަ އަހަރުގެ މާޗު މަހުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބުރިޖު އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ސަރަހައްދުގެ ކަނޑަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާކަމުގެ ހެކި ލިބުމާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) މެދުވެރިކޮށް ކުރި އިންސްޕެކްޝަންއިން، އެސަރަހައްދުގެ ކަނޑު އަޑީގައި ވަރަށް ގިނަ އަދަދެއްގެ ދަގަނޑު ކުނީގެ ގޮތުގައި އުކާލާފައިވާކަމަށެވެ.

އީޕީއޭއިން ބުނެފައިވަނީ އެ މަޝްރޫއުގެ ވެރިފަރާތަށް ދީފައިވާ އީ.އައި.އޭ. ޑިޒިޝަން ސްޓޭޓްމަންޓުގައިވާ ގޮތާއި ޚިލާފަށް އެއްވެސްކަމެއް ހިނގައިފިނަމަ އެކަން އެޖެންސީއަށް ރިޕޯޓުކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން މިއެޖެންސީއަށް ރިޕޯޓުކޮށްފައިނުވާ ކަމަށާއި އެޖެންސީގެ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކަށް ޖަވާބުދާރީ ވެފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެހެންކަމުން، ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާ ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)" ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަންބަރު:2011/R-9)" ގެ ޖަދުވަލު 2 ގެ 7 އާއި ޖަދުވަލު 5 އަށް ރިޢާޔަތްކޮށް، ޖުމްލަ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ވަނީ ޖޫރިމަނާކުރެވިފަ،" އީޕީއޭއިން ބުނެފައިވެއެވެ.

އެ އެޖެންސީން ބުނީ ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާކުރުމަށްފަހު، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟