އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މީގެކުރިން ހުށަހެޅުއްވި އިސްތިއުފާއާމެދު ސުވާލު އުފެދުމުން، އަލުން އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
އޮފީހަަށް ނުނިކުންނަވައި، އެތައް މަހެއް ވެފައިވާތީ، ކޮމިޝަންގެ މެންބަރުކަމުން ލުތުފީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމުމުން، ލުތުފީ ފުރަމަ އިސްތިއުފާ ހުށަހެޅުއްވީ ހުސްވި ޖޫން މަހު 26 ގައެވެ.
ނަމަވެސް ލުތުފީގެ އިސްތިއުފާގެ ލިއުން ސައްހަ ކަމާމެދު ސުވާލު އުފެދުނީ، އެއީ މެއިލް ކުރި ލިއުމެއްކަމުން ލުތުފީގެ ސޮއި އެ ލިއުުގައި ނެތުމުންނެވެ.
އެހެންކަމުން އެ ލިއުމަކީ ލުތުފީގެ ލިއުމެއް ކަމާމެދު ސުވާލު އުފައްދައި ރައީސް އޮފީހުން އެކަން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނަސްފައެެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ލުތުފީ ސޮއިކުރައްވާފައިވާ އިސްތިއުފާގެ ސިޓީއެއް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ލުތުފީ މިހާރު މަގާމުން ވަކިވެފައިވާ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ.
އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރަންޖެހެނީ، މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުގައި ބުނެފައިވީނަމަވެސް، އޭސީސީގެ މެންބަރުކަމުން އިސްތިއުފާދޭން ހުށަހަޅަން ޖެހެނީ، ގާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އިސްތިއުފާގެ ލިޔުން ރައީސަށް ލިބިވަޑައިގަތުމާ އެކު އެމީހަކު މެމްބަރަކަމުން ވަކިވާނެއެވެ.
ލުތުފީ އިސްތިއުފާ ދެއްވާފައިވާއިރު އޭނާއަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.