ޚަބަރު

ވިޔަފާރިވެރިންގެ ޖަމިއްޔާ އުވާލާގޮތަށް އައްޑޫ ޝަރީފް ހުށަހެޅުއްވި ބިލަށް އެމްޑީޕީ ބައެއް މެންބަރުން ދެކޮޅު

އިބްރާހިމް ޒަކީ

ވިޔަފާރި ވެރިންގެ ޖަމިއްޔާ އުވާލާގޮތަށް، "ދިވެހި ރާއްޖޭގެ ގައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްރީ" އުފައްދައި، ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހުރިހާ ކަމެއް އެތަނަށް ބަދަލުވާގޮތަށް، ގާނޫނު ހެދުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅު ހައްދަވައި ފާޑު ވިދާޅުވެއްޖެއެވެ.

ފާޑު ވިދާޅުވި މެންބަރުން ވިދާޅުވީ، މިއީ ވިޔަފާރިވެރިންގެ ޖަމިއްޔާ މިހާރުއޮތް ހާލަތަށްވުރެވެސް ބޮޑަށް ބައެއްގެ އަތްދަށަށް ދިއުމަށް ފުރުސަތު ލިބިގެންދިއުން ކަމަށެވެ. އަދި ވަކިވަކި ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގާނޫނުތައް ހެދުމުގެ ބަދަލުގައި، އެއް އުސޫލެއްގެ ދަށުން ޓްރޭޑް ޔޫނިއަންތައް އުފެދުމުގެ ގާނޫނެއް މާ މުހިއްމު ކަމެއްވެސް އެ މެންބަރުން ވިދާޅުވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ، މި ޖަމިއްޔާއިން ހުއްދަނަގައިގެންނޫން ގޮތަކަށް ޓްރޭޑްފެއާތައް ނުބޭއްވޭގޮތަށް ބިލްގައި ކަނޑައަޅައި، އަދި އެއާ ހިލާފަށް ކުރާކަންތައްތައް ކަމާބެހޭފަރާތްތަކަށް ހުށަހަޅައިގެން ހުއްޓުވުމުގެ ބާރު ދީފައިވާތީ، އެކަން އެގޮތަށް ކުރެވިގެންނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު އޮންނަން ޖެހޭނީ ބޭނުން ފަރާތްތަކަށް ވާދަވެރިކަމާއެކީ ރަށްރަށުގައިވެސް ކުރިއަށްގެންދެވޭގޮތަށް ކަމަށް ވިދާޅުވިއެވެ.

ބައެއް މެންބަރުން ވިދާޅުވީ، މިފަދަ ބިލެއް ހުށަހަޅާއިރު ގައުމުގެ މަސްލަހަތަށް ވިސްނާލަން ޖެހޭނެކަމަށެވެ. ނަމަވެސް އަންހެނުންގެ ވިޔަފާރީގެ މަސްލަހަތާއި ކުދި ވިޔަފާރީގެ މަސްލަހަތު މި ބިލުން ހިމާޔަތް ކުރެވިފައިނުވާ ކަމަށްވެސް މެންބަރުން ވިދާޅުދިއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ވިޔަފާރިތައް ކުރިއަރުވަން، ވޭތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭގައިވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކަންތައްތައް ކޮށްފައިނުވާ ކަމަށެވެ. އަދި ވިޔަފާރީގެ މާހައުލުގައި އެޖަމިއްޔާއިން ހަރަކާތްތެރިވެފައިވަނީ، ކުދިމަސްތައް ކައިލާ ފެމުނެއްގެ އުސޫލުން ކުދި ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަށް ކަމަށާއި، މި ބިލަކީ، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފައުންޑާ މެންބަރަކުން އަނެއްކާވެސް އެ ޖަމިއްޔާ ކާލަން ކުރާ މަސަކަތެއް ކަމަށެވެ. އިބްރާހިމް ޝަރީފަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފައުންޑާ މެންބަރެކެވެ.

ހަނިމާދޫ ދާއިރާގެ މެނބަރު އަބުދުލް ޣަފޫރު މޫސާ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެގައި ޗެމްބާއޮފް ކޮމާސްއަށް ގާނޫނީ ބާރު ދީގައި ނޯންނަ ކަމަށެވެ. އަދި ޓްރޭޑް ޔުނިއަންއަށް ވަކި ގާނޫނެއް ހެދުމަކީ މިނިވަން ވިޔަފާރީގެ ސިނާއަތަށް ހުރަސް އެޅުން ކަމަށާއި، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ބަޔަކު ހަމަ ބާރުވެރިކުރަންވީމާ ގާނުނެއް ހަދަން ނުޖެހޭ ކަމަށާއި، މިއީ ވިޔަފާރި ވެރިން ކަސްތަޅު އެޅިގެންދާ ފަދަ ނުފޫޒު ބޭނުންކުރެވޭނެ ގާނުނެއް ކަމަށްވެސް ވިދާޅުވިއެވެ.

"މާދަމާ މަޖިލީދިއްޔާއާ ބެހޭ ގާނުނެއް ހަދަންވީ، އަނެއް ދުވަހު ދަރުމަވަންތައާބެހޭ ގާނޫނެއް ހަދަންވީ، އެއީ ކަން ކުރެވޭނެ ގޮތެއްނޫން، ވިޔަފާރިއާބެހޭ ގާނޫނަށް މިހާރަށްވުރެ ބޮޑަށް އިސްލާހުކޮށް ޓްރޭޑް ޔޫނިއަންތައް އެއް ގާނޫނުގެ ދަށަށްގެނައުން މުހިއްމު،" ގަޕޯ ވިދާޅުވިއެވެ.

ނަމެވެސް މެންބަރުން ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާ މިހާރު އޮތީ މަދު ވިޔަފާރިވެރިން ތަކެއްގެ ނުފޫޒުގެ ތެރޭގައި ކަމަށާއި އެކަމަށް ހައްލެއް އަންނަންޖެހޭ ކަމަށެވެ.