ޚަބަރު

ދަތުރު ހަރަދާއި ރިޓެންޝަން ފައިސާގެ މައްސަލައިގަ ޕީޖީން އަމަލް ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް

ދަތުރު ހަރަދުތައް ކުރުމާއި ރިޓެންޝަން ފައިސާގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަމަލު ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން އާއްމު ކޮށްފައިވާ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ނަގުދު ފައިސާގެ ގޮތުގައި އެއްލައްކަ ވިހިހާސް ރުފިޔާ ދަތުރު ހަރަދަށް ބޭނުންކުރަން ޕީޖީ އޮފީހުން ފިނޭންސް މިނިސްޓްރީ ގައި އެދުމުން، އެ އޮފީހުގެ ޕެޓީކޭޝް، ދިހަހާސް ރުފިޔާއިން ފަސްދޮޅަސް ހާހަށް ބޮޑުކޮށްގެން އޭގެ ތެރެއިން ދަތުރު ފައިސާ ނެގުމަށް ފިނޭންސުން ވަނީ އަންގައިފައެވެ.

ފިނޭންސް އިން އެގޮތަށް އެންގި ފަހުންވެސް ނަގުދު ފައިސާ ނަގައިގެން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ޕެޓީ ކޭޝްގެ ބޭރުން ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ހިިމަނައިފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި މާލިއްޔަތު ގަވައިދުގެ ދަށުން 250،000 ރުފިޔާއިން 2.5 މިލިއަން ރުފިޔާއާ ދެމެދުގެ ކޮންޓްރެކްޓްތަކުގެ ޖުމްލަ އަގުން ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހޭގޮތަށް އޮތް ނަމަވެސް އެކަން ކުރަން އޮންނަ އުސޫލުން އެކަން ކޮށްފައެއް ނުވެއެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ރިޓެންޝަންއަށް އުނިކުރާ ފައިސާ ދެވޭނީ ހަ މަސް ފަހުން ކަމަށެވެ.

ނަމަވެސް ހަތަރު ޕްރޮކިއުމަންޓް ޕްރޮޖެކްޓަކަށް 1.84 މިލިއަން ރުފިޔާ ޕީޖީ އޮފީހުން ހޭދަކުރިއިރު، ރިޓެންޝަން ފައިސާގެ ގޮތުގައި ބަހައްޓަން ޖެހޭ 92،019 ރުފިޔާ އުނިކޮށްފައިނުވާ ކަމަށާއި، އެކަމުގެ ސަބަބުން ކޮންޓްރެކްޓަރު ކުރާ މަސައްކަތުގެ ސަބަބުން ދިމާވާ މައްސަލަ ހައްލު ކުރަން އުނދަގޫވާނެ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.