އިބްރާހިމް ޒަކީ
ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުމަށް މިއަހަރު މިހާތަނަށް ސޮއިކުރެވިފައިވާ ޕްރޮޖެކްޓްގެ ޖުމްލަ 1.1 ބިލިޔަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަހަރުުގެ މިހާތަނަށް ސޮއި ކުރެވުނު ޕްރޮޖެކްޓް ތަކުގެ ތެރޭގައި ފެނާބެހޭ ނިޒާމުގެ 3 ޕްރޮޖެކްޓާއި ނަރުދަމާ ނިޒާމުގެ 1 ޕްރޮޖެކްޓާއި ފެނާ ނަރުދަމާގެ 11 ޕްރޮޖެކްޓާއި މަގު ހެދުމުގެ 7 ޕްރޮޖެކްޓާއި ބަނދަރު ހެދުމުގެ 14 ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރުވެސް 41 މަޝްރޫއެއްގެ މަސައްކަތް ހަވާލު ކުރުމަށް، ނެގޯޝިއޭޓް ކުރަމުންދާ ކަމަށެވެ. އަދި ޓެންޑަރުގައި 20 ޕްރޮޖެކްޓެއް އެބައޮތް ކަމަށާއި، ޑޯނާ ފަންޑިންގެ ޕައިޕްލައިންގައި 39 މަސައްކަތް އެބައޮތް ކަމަށެވެ.
މިނސިްޓަރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން، ބަޖެޓުގައި ހިމަނާފައިވާ ހުރިހާ މަޝްރޫއެއް ފެށޭނެ ކަމަށާއި، އޭގެ ތެެރެއިން ފައިސާ މަދުން ބަޖެޓްގައި ހުރި މަޝްރޫއުތައް އަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ.